އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާ ދިނުމަށް އަމުރު ކޮށްފިނަމަ ނަމަ، އީރާނާ ދެކޮޅަށް ހަފުތާތަކަކަށް ދެމިގެންދާނެ އޮޕަރޭޝަނެއް ހިންގަން އެމެރިކާ އަސްކަރިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ރޮއިޓާސް އަށް ބުނެފިއެވެ.
އެމެރިކާގެ އޮފިޝަލުން މިގޮތަށް ބުނެފައިވާއިރު، މި މައުލޫމާތުގެ ސަބަބުން އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ މަޝްވަރާތަކަށް ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓަތައް ބުނެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާ އާއި އީރާނުގެ ޑިޕްލޮމެޓުން މިދިޔަ ހަފުތާގައި އޮމާނުގައި ބައްދަލު ކުރިއެވެ.
އެމެރިކާގެ އޮފިޝަލުން ބުނީ ޕެންޓަގަން އިން އިތުރު މަތިންދާބޯޓު އުފުލާ މަނަވަރެއް މެދުއިރުމަތީގެ ގައުމުތަކަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ އެމެރިކާ ސިފައިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ތައްޔާރުވަމުންދިއުމާއި ބެހޭ ގޮތުން ސުވާލު ކުރުމުން ވައިޓް ހައުސްގެ ތަރުޖަމާން އަނާ ކެލީ ވިދާޅުވީ، އީރާނާ ގުޅޭ ގޮތުން ރައީސް ޓްރަމްޕްގެ ހުރިހާ އޮޕްޝަނެއް އެބައޮތް ކަމަށެވެ.
ޕެންޓަގަން އިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މީގެ ކުތިން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ދިން ހަމަލާތަކުގައި އެމެރިކާއިން ވަނީ އެ ސަރަހައްދަށް ދެ މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވާފައެވެ.