
ރާއްޖޭގެ ބާޒާރުގައި ކާބޯތަކެއްޗާއި އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގު އިންތިހާއަށް އުފުލި، ބައެއް މުދާ ލިބުން ދަތިވަމުންދާތީ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.
މަލީހު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބާޒާރުން މިހާރު ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ހުރި އިރު، ގޭސް ވިއްކުން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. މީގެ އިތުރުން ނެސްކަފޭ އާއި ޔޯގަޓް ފަދަ އާންމުކޮށް ބޭނުންކުރާ ބާވަތްތަކާއި، "އަރޯއީ ޑީ" ބްރޭންޑްގެ ތަކެތި ބާޒާރުން ލިބެން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފޯކަސް ޓިޝޫ ފަދަ ތަކެތި ވެސް މިހާރު ލިބެނީ ކޮންޓްރޯލް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.
ތަކެތީގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން މަލީހު ވިދާޅުވީ، ސިނގިރޭޓް އަގު 250 ރުފިޔާއަށް އަރާފައިވާ އިރު، ދޮންކެޔޮ ގަނޑެއްގެ އަގު 800 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. އަދި އޮރެންޖެއްގެ އަގު 10 ރުފިޔާއަށް އަދި އާފަލެއްގެ އަގު 9 ރުފިޔާއަށް ހުރިކަން ފާހަގަކުރެއްވިއެވެ.
މި ހާލަތާ ގުޅިގެން ގައުމު ހިންގުމުގައި މިހާރުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ތުހުމަތު ކުރައްވަމުން، މަލީހު ވަނީ ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލެމުންދާތީ އާންމުންގެ މެދުގައި ވެސް މިހާރު ދަނީ ނުތަނަވަސްކަން އިތުރުވަމުންނެވެ.










