ފުލުހުންގެ އިސްވެރިން ރިޓަޔާ ކުރައްވާއިރު ދޭ ބޮޑެތި އިނާޔަތްތަކަކީ ދައުލަތަށާއި ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު ބުރައެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ފާޑުވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔާ ކުރެއްވުމަށް ރައީސް މުޢިއްޒު އެންގެވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަމީލްގެ ޕޯސްޓުގައި ސުވާލު އުފައްދަވާފައިވަނީ، ރިޔާސީ ދައުރެއްގެ ތެރޭގައި ތަކުރާރުކޮށް މިފަދަ ބުރައެއް ރައްޔިތުންގެ ބޯމަތީގައި އެޅުވުމަކީ ހަމަޖެހޭ ކަމެއްތޯއެވެ. ފުލުހުންގެ ކޮމިޝަނަރަކު ރިޓަޔާވާ ކޮންމެ ފަހަރަކު، މުޅި ޙަޔާތަށް ދޭ ޕެކޭޖާއި ގަނޑުކޮށް ދޭ ފައިސާއަކީ ރައްޔިތުންގެ ފައިސާކަން ޖަމީލް ފާހަގަކުރެއްވިއެވެ. އަދި ވަކި ސަރވިސްއަކަށް ވީތީ މިހާ ޢައިރު ޒިއްމާދާރުކޮށް މިކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ވިސްނާލަންވީ ރައްޔިތުންނަށް ރައީސަކު މިވަރުގެ ބުރައެއް އުފަލަން ރިޔާސީ ދައުރެއްގެ ތެރޭގައި ތަކުރާރުކޮށް ޖެއްސުމަކީ ހަމަޖެހޭކަމެއްބާއެވެ؟
— Mohamed Jameel Ahmed (@MJameelAhmed) February 16, 2026
ރިޓަޔާވާ ކޮންމެ ފަހަރަކު ފުލުހުންގެ ކޮމިޝަރަށް މުޅި ޙަޔާތަށް ދޭ ޕެކޭޖާ ގަނޑުކޮށް ނަންގަވާ ފައިސާ މިދެނީ ހަމަ ރައްޔިތުން. މިއީ ވަކި… https://t.co/ZKx45b4ncN
މީގެ އިތުރުން، އަދުލުވެރިކަމާއި އިންސާފުވެރިކަން ނެތް ތަނެއް ކުރިއަރައި ނުދާނެ ކަމަށާއި، ދައުލަތުގެ އެކި ދާއިރާތަކުގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރާ އެތައް ބަޔަކު ތިބިކަން ޖަމީލް ހަނދާންކޮށްދެއްވިއެވެ. ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި، މިފަދަ ބޭފުޅުން ރިޓަޔާވަނީ ހަމަ ނަމެއްގައެވެ.
މިކަމަކީ ބޮޑު އިސްރާފެއްގެ ގޮތުގައި ސިފަކުރައްވައި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް މިފަދަ ތަފާތުކުރުންތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.