theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
އަޅުގަނޑުގެ މޭޔަރުކަމުގައި ބޯހިޔާވަހިކަމަށް އިދާރީ އޮފީހެއް ގާއިމުކުރާނަން: ގައުމީ ކެންޑިޑޭޓް
Yana Shareef
ޔާނާ ޝަރީފް
17 ފެބްރުއަރީ 2026

މޭޔަރުކަމުގެ ދައުރެއްގައި މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ އަދި ފަސޭހަ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކައުންސިލްގެ ތެރޭގައި ބޯހިޔާވަހިކަމަށް ޚާއްސަ އިދާރީ އޮފީހެއް ގާއިމުކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ "ޓޯކްސް ވިތް ޒަރިޔަންދު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް، ނުވަތަ ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް ގޮސް އާދޭސްކުރަންޖެހޭ ސަގާފަތް އޭނާގެ މޭޔަރުކަމެއްގައި ނިމުމަކަށް ގެންނަވާނެއެވެ.

ޒަރިޔަންދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ހަމަހަމަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގައި ގާއިމުކުރާ ބޯހިޔާވަހިކަމުގެ އިދާރާގެ މައިގަނޑު ބޭނުމަކީ، ފޯމު ފުރުމާއި، މައުލޫމާތު ސާފުކުރުމާއި، އަދި ބޯހިޔާވަހިކަމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ރައްޔިތުން އެކި ފަރާތްތަކުގެ ގާތަށް ގޮސް ސަލާމްޖަހަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން، މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވާނެ ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

މާލެ ސިޓީގެ ސާފުތާހިރުކަމާއި، މަގުތަކުގެ ހާލަތާއި، އަދި އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ހާއްސަ އިސްކަމެއް ދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މޭޔަރުގެ ހައިސިއްޔަތުން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ވައުދު ޒަރިޔަންދު ވަނީ ވެވަޑައިގެންފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?