April 6, 2026
Advertisement
ޤައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދު / ތޭރަ އޮންލައިން

ކައުންސިލްގެ މާލީ ކަންކަން ބެލުމަކީ މޭޔަރުގެ އިހުމާލުވެވެން ނެތް ޒިންމާއެއް: ގައުމީ ކެންޑިޑޭޓް

Yana Shareef
ޔާނާ ޝަރީފް
Feb 18, 2026, 12:00 AM

މާލެ ސިޓީ ކައުންސިލަކީ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ހިނގާ ތަނެއްކަން ކަށަވަރުކޮށް، ކައުންސިލްގެ މާލީ މުޢާމަލާތްތަކާއި މާލީ ޒިންމާދާރު ވެރިޔާގެ މަސައްކަތްތައް ދުވަހުން ދުވަހަށް ސީދާ މޭޔަރު ބަލަންޖެހޭނެ ކަމަށް، މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް ހިންގުމުގައި މޭޔަރަކީ ހަމައެކަނި ނަމެއްގައި ހުންނަވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށާއި، ކައުންސިލްގެ ހިންގުން ޤާނޫނީ ހަމަތަކުގެ މަތީގައި ހުރިތޯ ބެލުމަކީ މޭޔަރުގެ މައްޗަށް އޮތް ލާޒިމު މަސްޢޫލިއްޔަތެއް ކަމަށެވެ.

ވަކިން ޚާއްޞަކޮށް، ކައުންސިލްގެ މާލީ ޒިންމާތަކާއި، މާލީ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތުތައް އަދާކުރަމުންދާ ގޮތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުމަކީ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެފުށް ފެންނަ ހިންގުމެއްގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޒަރިޔަންދު ވިދާޅުވީ، ސިޓީ ކައުންސިލުން ސޮއިކުރާ އެއްބަސްވުންތަކަކީ ރައްޔިތުންނަށް ސިއްރުކުރެވޭނެ އެއްޗެއް ނޫންކަން ޤާނޫނުން ސާފުކޮށް އެނގެން އޮތް ކަމަށެވެ. ކައުންސިލުން ކުރާ އެންމެހާ މުޢާމަލާތްތަކާއި ސޮއިކުރާ ކޮންޓްރެކްޓްތަކުގެ މަޢުލޫމާތު ހާމަކުރުމަކީ ޖަވާބުދާރީވުމުގެ އެންމެ މުހިންމު އަސާސް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރިޔަންދުގެ މި ވާހަކަފުޅުތަކުން ބާރުއަޅުއްވާފައިވަނީ، ސިޓީ ކައުންސިލްގެ ހިންގުން މިހާރަށްވުރެ ދެފުށް ފެންނަ، އިތުބާރު ހުރި ނިޒާމެއްގެ ތެރެއަށް ވެއްދުމަށެވެ. އޭނާގެ އަމާޒަކީ މޭޔަރުގެ މަޤާމާ ހަވާލުވެވަޑައިގެން، ކައުންސިލްގެ މާލީ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ބަންދުކޮށް، ރައްޔިތުންނަށް ޖަވާބުދާރީވާނެ މުއައްސަސާއަކަށް ސިޓީ ކައުންސިލް ހެދުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved