ނުލިބޭ މިންވަރަށް ދަރަނި ނަގައިގެން ބޮޑެތި ޚަރަދުތައް ކުރުމަކީ ބޮޑު އިސްރާފެއް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ މިފަދައިން ވިދާޅުވީ، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވިދާޅުވީ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ފެންނަނީ ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ދޫކޮށްލާފައި އޮތް މަންޒަރު ކަމަށެވެ. ފެނަކަ އާއި އާރްޑީސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭނުންނުވާ މިންވަރަށް މީހުންނަށް ވަޒީފާދީ ސަރުކާރުން ގެންދަނީ އިސްރާފު ކުރަމުން ކަމަށާ އަދި ރައްޔިތުންނަށް ދިރިއުޅުމުގެ ގޯސް އާދަތަކެއް އަށަގެންވުމުގެ ފުރުސަތުވެސް އޭގެ ސަބަބުން ތަނަވަސް ވެގެން ދާނެ ކަމަށް ވެސް އަލީ ވިދާޅުވެފައިވެއެވެ.
އެގޮތުން ހަލާލު ގޮތުގައި ބުރަ މަސައްކަތްކުރުމުގެ ބަދަލުގައި ހަމައެކަނި ފިންގަރ ޕްރިންޓު ޖަހާލާ ދެއަތް އުރާލައިގެން ތިބެ ފައިސާ ލިބުމުން އިންސާނާ ގައިގައި ކަންނެއް ކަމުގެ ނުބައި އާދަ އަށަގަންނަކަން އަލީ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ބޭނުންނުވާ މިންވަރަށް މުވައްޒަފުން ނަގާ ކުރަމުން ދަނީ ބޭކާރު ޚަރަދުކަން ފާހަގަކުރައްވާ އަލީ ވިދާޅުވެފައިވަނީ، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ނުލިބޭ މިންވަރަށް ދަރަނި ނަގައިގެން ބޮޑެތި ޚަރަދުތައް ކުރުމަކީ ބޮޑު އިސްރާފެއް ކަމަށެވެ.
އަލީ އިތުރަށް ވިދާޅުވެފައިވަނީ، މާލެ ކައިރީގައި ހިއްކާފައިވާ ގިނަ ބިންތަކެއް ބޭނުންނުކޮށް ހުއްޓާ، ބޮޑު ޑްރެޖަރެއް ގެނެސް މާލެ އަތޮޅު ދެކުނުބުރީގެ ފުން ކަނޑެއް ހިއްކައިގެން ރަށެއް އުފެއްދުމަކީ މިވަގުތުގެ ހާލަތަށް ބަލާއިރު ސާފު އިސްރާފެއް ކަމަށް އަލީ ވިދާޅުވެފައިވެއެވެ. ބެެލެވޭ ގޮތުގައި އަލީ އެ އިޝާރާތްކުރެއްވީ ފުށިދިއްގަރު ފަޅު ހިއްކުމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވާނެ ވަރުގަދަ އިދިކޮޅެއް ނެތި، ސަރުކާރަށް ހުރިހާ ދިމާއަކުން މެޖޯރިޓީ ލިބެމުންދާއިރު އޭގެ ނާޖާއިޒު ފައިދާ ސަރުކާރުން ނަގަމުންދާކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ، ގައުމުގެ ހާލަތު ބަދަލުވާންޖެހޭ ކަމަށާއި، މިހާރު ކަންކަން ދަނީ ނުބައި މިސްރާބަކަށް ކަމަށެވެ.