February 20, 2026
Advertisement
މުއިއްޒު
މުއިއްޒު / ސޯޝަލް މީޑިއާ

މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ ﷲ އަށް ޝުކުރުވެރިއެއް ނުވާނެ: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 19, 2026, 10:56 PM
މާލެ ސިޓީ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކުރައްވައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިޚްލާޞްތެރިކަމެއް ނެތް "ދެމޫނުގެ ވެރި" ބައެއްގެ ގޮތުގައި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސިފަކުރައްވައިފިއެވެ.

Advertisement

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވަނީ  ސާޖިދާ މުޙައްމަދު ސިޔާސީ ކަންކަމުގައި މާބޮޑަށް ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ދީނީ ކަންކަމާ ގުޅުވައިގެން އެކަމަނާ ދައްކަވާ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްޞަކޮށް، ރަމަޟާން މަހު ސިޔާސީ މަސައްކަތް ކުރުމާ ގުޅޭގޮތުން އެކަމަނާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، ދީނީވުމަކީ ހަމައެކަނި ބޭނުންވާ ތަންކޮޅު ނެގުން ނޫން ކަމަށެވެ.

"ރައީސް ޔާމީނުގެ ހުސްގޮނޑީގެ ކިތައް ޖަލްސާގައި ކަމަނާ އިންނެވިންތޯ؟ މުއިއްޒު ވެރިކަން ކުރާނީ ރައީސް ޔާމީނުގެ ލަފާގެ މަތިން ކަމަށް ވިދާޅުނުވޭތޯ؟" ޖަމީލް ސުވާލު އުފެއްދެވިއެވެ.

މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުންނަކީ ދެމޫނުގެ ވެރިން ކަމަށް ބަޔާންކުރާ ހަދީޘްފުޅަށް އިޝާރާތް ކުރައްވައި، ޖަމީލް ވިދާޅުވީ މިއަދު ރައީސް މުޢިއްޒާއި ސާޖިދާ ތިޔަ އުފާކުރައްވާ ކަންކަން މެދުވެރިވި ގޮތް ހަނދާން ނުކުރައްވަނީ ކީއްވެގެންތޯއެވެ. އަދި މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހަކީ ﷲ އަށް ޝުކުރުވެރިވާ މީހެއް ނޫންކަމަށް ބަޔާންކުރާ ހަދީޘްފުޅު ހަނދާންކޮށްދެއްވައި، ރައީސް ޔާމީނަށް ޝުކުރުވެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޖަމީލްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، ރައީސް މުޢިއްޒާއި ސާޖިދާގެ ކިބައިގައި އިޚްލާޞްތެރިކަމެއް ހުރިނަމަ، ރައީސް ޔާމީނުގެ ނަންފުޅުގައި މަޤާމު ހޯއްދަވައިގެން ވެވަޑައިގެންނެވި ޚިޔާނާތަށް މަޢާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި އެހެން ނޫންނަމަ، "އަނގަފުޅު ލައްޕަވައިގެން" ހުންނެވުން ދީނީގޮތުން މާ އައުލާކަން ބޮޑު ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved