
ދިވެހި ތާރީޚުގައި ވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމުގައި މިހާ ބޮޑު އިހުމާލެއް ވެފައިވާ ދުވަސްވަރެއް ފެނިފައި ނުވާއިރު، މުވައްޒަފުންގެ މުސާރަ ލަސްކުރި ހަމައެކަނި ރައީސްގެ ލަގަބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ ހޯއްދަވާފައެވެ.
ސަރުކާރުން މިފަދައިން ކަންތައް ކުރާއިރު ރަސޫލާ ﷺ ހަދީސް ކުރެއްވި ބަަސްފުޅެއްގެ މާނައިގައިވެއެވެ "މަސައްކަތްތެރިޔާގެ ދާހިކުމުގެ ކުރިން އޭނާގެ އުޖޫރަ ދޭށެވެ."އެވެ. ( ސުނަން އިބްނު މާޖާ 2443)
ނަމަވެސް، މިއަދުގެ ހާލަތު ފެންނަނީ މިއާ މުޅިން އިދިކޮޅަށެވެ. ވަކިން ހާއްސަކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންނަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ މަހުގެ މުސާރަ ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ލިބުނީ މަހުގެ 5 ވަނަ ދުވަހުއެވެ. މީގެ އިތުރުން، ރޯދަމަހަށް ހާއްސަކޮށްދޭންޖެހޭ ރޯދަ އިނާޔަތް މިހާތަނަށް ވެސް ދީފައިނުވާއިރު، މުސާރަ ލަސްވުމުގެ ސަބަބުން އެތައް އާއިލާއެއްގެ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ވަނީ ދަތިވެފައެވެ.
މި މައްސަލަ ހަމައެކަނި ދިވެހި މުވައްޒަފުންނަށް އެކަނި އޮތް ކަމެއް ނޫނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ހާލަތު ވަނީ މިއަށްވުރެ ވެސް ގޯސްވެފައެވެ. ބިދޭސީންގެ މުސާރަ ދިނުން އިންތިހާއަށް ލަސްވެ، ބައެއް މުވައްޒަފުންނަށް މުސާރަ ލިބިފައިވަނީ މަހުގެ 20 ވަނަ ދުވަހުއެވެ.
މިއީ އިންސާނީ ގޮތުންނާއި އިސްލާމީ އުސޫލުތަކުން ބަލާއިރު ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ނަމުގައި މުވައްޒަފުންގެ ބަނޑުފުރާނަ މުތްކުރަން ލިބޭ މަދު ފައިސާކޮޅު ހިފެހެއްޓުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.










