
އިންޑިއާގެ ޓެކްނޮލޮޖީގެ ކުރިއެރުން ދުނިޔެއަށް ދެއްކުމަށް ބޭއްވި "އިންޑިއާ އޭއައި ސަމިޓް 2026" ގައި، އެ ގައުމުގެ ޔުނިވާސިޓީއަކުން ޗައިނާގެ އުފެއްދުމެއް އަމިއްލަ އީޖާދެއްގެ ގޮތުގައި ދައްކައި، މުޅި ދުނިޔޭގެ ކުރިމަތީގައި އިންޑިއާ ބޮޑުތަނުން ފަޟީހަތްވެއްޖެއެވެ.
މި ސަމިޓުގައި އިންޑިއާގެ ޔުނިވާސިޓީއަކުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޔުނިޓްރީ" އިން އުފައްދާފައިވާ "ގޯ2" (Go2) މޮޑެލްގެ ރޮބޮޓެއް، އެއީ އިންޑިއާގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިސްތިހާރުކޮށްފައެވެ. ނަމަވެސް، މިކަން ފަޅާއަރައި، ޗައިނާގެ މީޑިއާތަކާއި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ މާހިރުން އަންނަނީ އިންޑިއާގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތް ކުރަމުންނެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާއިން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "މޭކް އިން އިންޑިއާ" ސިޔާސަތުގެ ދަށުން ކުރިއެރުންތައް ލިބޭކަން ދެއްކުމަށްޓަކައެވެ. ނަމަވެސް، އެހެން ގައުމެއްގެ އުފެއްދުމެއްގައި އަމިއްލަ ސިއްކަ ޖަހައިގެން ދުނިޔެއަށް އޮޅުވާލަން އުޅުމަކީ އިންޑިއާގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، މިއީ އިންޑިއާގެ ސައިންޓިފިކް ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހުތުރެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި، އަމިއްލައަށް އެއްޗެއް އުފެއްދުމުގެ ގާބިލުކަން ނެތުމުން، އަވަށްޓެރި ގައުމުތަކުގެ އީޖާދުތައް ވަގަށް ނަގައިގެން އަމިއްލަ ނަން ޖެހުމަކީ އިންޑިއާގެ އާދައެކެވެ.
މި މައްސަލައިގައި އިންޑިއާ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ އަބުރަށް ވަނީ މިކަމުގެ ސަބަބުން ބޮޑު ލޮޅުމެއް އަރާފައެވެ.










