February 21, 2026
Advertisement
Iran
Iran / ސޯޝަލް މީޑިއާ

ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި އެމެރިކާއިން އިރާނަށް ހަމަލާދޭން އުޅޭ ކަމުގެ އަޑު ފެތުރިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 20, 2026, 05:43 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދޭން ރާވަމުންދާކަން ޖާސޫސީ މަސްދަރުތަކުން ކަށަވަރުވެއްޖެއެވެ. މި ނުރައްކާތެރި ރޭވުމާއެކު، އީރާނުން ވަނީ އެގައުމުގެ ފުރިހަމަ އަސްކަރީ ގާބިލުކަން ދައްކާލައި، ދިފާއީ ބާރުތައް އެންމެ މަތީ ދަރަޖައަށް ތައްޔާރުކޮށްފައެވެ.

Advertisement

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އެމެރިކާއިން ދޭން އުޅޭ މި ހަމަލާއަކީ ވަރަށް ބޮޑަށް ރޭވިފައިވާ، ހަލުވި އަދި ފުޅާ ދާއިރާއެއްގައި ހިންގުމަށް ނިންމާފައިވާ އުދުވާނެކެވެ. ބޭރު ފުށުން މަޝްވަރާތަކުގެ ވާހަކަ ދެކެވުނު ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް، އީރާނުގެ ސިޔާދަތަށް އަރައިގަތުމަށް ބަހަނާތައް ދައްކަމުންނެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު، އީރާނާ މެދު ގެންގުޅެމުންދާ ހަރުކަށި އަދި ޣައިރު ގާނޫނީ ސިޔާސަތުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ އިންތިހާއަށް ގޯސްވެފައެވެ. ޚާއްޞަކޮށް، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އިސްރާއީލުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އީރާނަށް ބިރުދެއްކުމުގެ އަމަލުތައް އެމެރިކާއިން ދަނީ ތަކުރާރުކުރަމުންނެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާގެ އެއްވެސް އުދުވާނީ ހަމަލާއަކަށް ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އީރާނުގެ މިސައިލް ބާރާއި އަސްކަރީ ފްލީޓްތައް މިހާރު ވަނީ އެންމެ އިސް ސަފަށް ނެރެ، ގައުމުގެ ދިފާއުގައި ކޮންމެ ވަގުތެއްގައިވެސް ރައްދު ހަމަލާ ދިނުމަށް ތައްޔާރުވެފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެމެރިކާގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ މި އަމަލަކީ ދުނިޔޭގެ މަސްލަހަތު ގެއްލުވާލައި، މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް ހިންގާ ޖަރީމާއެކެވެ. ކުރިއަށް އޮތް ގަޑިތަކަކީ މުޅި އިސްލާމީ އުންމަތަށާއި މެދުއިރުމަތީގެ ސަލާމަތަށް ނުހަނު ނާޒުކު ވަގުތުތަކެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved