ޝަފާއު / ފޭސްބުކް
ހަބަރު
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު، ޝަފާއު މަގާމުން ވަކިކޮށްފި
Aishath Naja
އައިޝަތު ނަޖާ
10 މާރިޗު 2024
މާލެ ސިޓީ

ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައި ހުންނެވި، މުހައްމަދު ޝަފާއު ހަސަން މަގާމުން ވަކި ކޮށްފި އެވެ.

އޭނާ މަގާމުން ވަކި ކުރި ކަމުގެ ލިޔުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޝަފާއުއަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ޝަފާއުގެ ބަހެއް އަދި ލިބޭ ގޮތް ނުވެ އެވެ. ނަމަވެސް ޝަފާއު މަގާމުން ވަކިކުރި ކަމުގެ ލިޔުންވަނީ ލިބިފައެވެ.

އެ ލިޔުމުގައި ޝަފާއު މަގާމުން ވަކިކުރި ވަކި ސަބަބެއް ބަޔާން ކޮށްފައެއް ނުވެ އެވެ.

ލިޔުމުގައި ހަމައެކަނި ބުނެފައި ވަނީ "ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރު ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓުގެ ޑިރެކްޓަރުންގެ ބޯޑުން ޝަފާއު ވަކިކޮށްފައިވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރެއްގެ މަގާމަށް ޝަފާއު އައްޔަން ކުރައްވާފައިވަނީ 2021 ވަނަ އަހަރު އެވެ.

އޭނާއަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

އޭގެ ކުރިން ޝަފާއު ވަނީ އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމާއި މަނިޓަރީ އޮތޯރިޓީގެ އެސިސްޓެންޓު މެނޭޖަރުކަމާއި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved