
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮޑު "އެއާބްރިޖް" އެއް މެދުއިރުމައްޗަށް ގާއިމުކޮށް، ގިނަ އަދަދެއްގެ ހަތިޔާރާއި ސިފައިން ފޮނުވަން ފަށައިފިއެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ކުރިއަށްދާ މި އޮޕަރޭޝަނުގައި ޔޫއެސް އެއާފޯސް (USAF) ގެ ދިހަވަރަކަށް ބޮޑެތި އެއާލިފްޓަރުތައް ދަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ޖައްސަމުންނެވެ. މި މަތިންދާބޯޓުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ އެއާ ޑިފެންސް ސިސްޓަމްތަކާއި، މިސައިލް އަދި ބޭނުންވާނެ އެހެނިހެން ގޮވާއެއްޗެހި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަރަކާތްތަކަކީ އީރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކުން ދިފާއުވުމަށާއި، އަދި އިޒްރޭލުން އީރާނަށް ދީފާނެ ވަރުގަދަ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ ކަންކަމެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ މި އަސްކަރީ އެހީތެރިކަމަކީ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި އިޒްރޭލުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތެކެވެ.
އެމެރިކާއިން މިގޮތަށް ހަތިޔާރު ފޯރުކޮށްދެމުން މިދަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން މުޅި މެދުއިރުމަތީގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެއްގައެވެ. މި ސަރަހައްދަށް ފޮނުވާފައިވާ ހަތިޔާރުތަކުގެ ތެރޭގައި އެންމެ ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމްތައް ހިމެނޭކަން ފާހަގަކުރެވެއެވެ.










