
ދިވެހިރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވަނީ، ރާއްޖޭގެ ބާޒާރުގައި މިހާރު އޮރެންޖެއްގެ އަގު ޑޮލަރަކަށް އަރާފައިވާކަން ފާހަގަކުރައްވާފައެވެ. މަލީހް ވިދާޅުވީ، ގައުމުގެ ހާލަތު މިހާ ހިސާބަށް ގޮސްފައިވާއިރު، ރައްޔިތުންގެ އާމްދަނީއަށް ބަލާއިރު ދުވާލަކު ބޮލަކަށް ޑޮލަރެއްވެސް ނުޖެހޭ މިންވަރަށް އިގްތިސާދު ފުނޑިފައިވާ ކަމަށެވެ.
"ޑޮލަރަކަށް އޮރެންޖެއް. ދުވާލަކަށް ބޮލަކަށް ޑޮލަރެއް ނުޖެހޭ. އަދިވެސް އިސްކަން ދޭން ޖެހޭ ތަރުތީބު ނޭގުމެއްގެ ތެރޭގައި ސަރުކާރު މިއޮތީ،" މަލީހް ވިދާޅުވިއެވެ.
ބާޒާރުގެ އަގުތަކަށް ބަލާއިރު، ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ. މީގެ ކުރިން ހެޔޮ އަގުގައި ލިބެން ހުރި އޮރެންޖާއި އެހެނިހެން މޭވާގެ އަގުތައް ދެގުނަ ތިންގުނަ އުފުލިފައިވާއިރު، މިއީ ސަރުކާރުގެ އިހުމާލުންނާއި، ބާޒާރު ކޮންޓްރޯލް ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނުކުޅެދިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރައްޔިތުންގެ ޖީބަށް ބާރުބޮޑުވެ، އަސާސީ ކާބޯތަކެތި ގަތުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އިސްކަންދެނީ ބޭކާރު ޚަރަދުތަކަށާއި ސިޔާސީ މަގާމުތައް އިތުރުކުރުމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު ބޮޑުވުމަކީ އާންމު އާއިލާތަކަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ.










