
ސަރުކާރަށް ތާއީދުކޮށް ވޯޓުދީގެން ނޫނީ ތަރައްޤީއެއް ނުގެނެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ތަންދޮރު ނޭނގި ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން މިހާރުވެސް ސަރުކާރަށް އެ ފުރުޞަތު އޮތް އިރު، ތަރައްޤީ ނުވެ އޮތީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ޑޮލަރުގެ ރޭޓް ބޭންކު ރޭޓަށް ދެ އަހަރު ތެރޭގައި ތިރިކުރާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ދެއްކި ޖާދޫއެއް ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"މިހާރުވެސް މުޅި ބަޖެޓް އޮތީ ރައީސް މުޢިއްޒަށް ދީފައި. އެކަމަކު ތަރައްޤީވީ ކޮން ކަމެއް؟" ޖަމީލް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ތަރައްޤީވީ ރިޝްވަތުގެ ނުބައި ޖަރާސީމާއި، މަތިން ފެށިގެން ތިރިއަށް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމާއި، ހައްދެއް ނެތް ދޮގުހެދުމެވެ.
ޤައުމުގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވަމުންދާ ކަމަށް ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ، މަސައްކަތެއް ނުކޮށް މުސާރަދޭ "ފްރީލޯޑުންގެ" އާބާދީއެއް އުފެދިފައިވާ ކަމަށެވެ. އަދި ދޮގުހެދުމުގެ ނުބައިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ބަޔާންކުރައްވަމުން ވިދާޅުވީ، ދޮގުހެދުމަކީ ފެޝަނަކަށް ހަދާފައިވާ ބަޔަކަށް ވާގިދީގެން ޤައުމަށް ލިބޭނީ ހަމައެކަނި ދެރަ އާއި ނިކަމެތިކަން ކަމަށެވެ.
ރައީސް މުޢިއްޒަކީ އިތުރުފުޅު ހެއްދެވުމުގައި ހައްދެއް ނެތް ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ޑރ. ޖަމީލް ވަނީ ރައީސް މުޢިއްޒަށާއި ޕީއެންސީއަށް "ނޫނެކޭ" ބުނެގެން ނޫނީ ޤައުމަށް ސަލާމަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. ޖަމީލް އިތުރަށް ވިދާޅުވީ، ޤައުމުގެ ހާލަތު ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، މިހާރު ފެންނަމުންދާ ނިކަމެތިކަމުން އަރައިގަނެވޭނީ މި ސަރުކާރާ ދެކޮޅަށް ތެދުވެގެން ކަމަށެވެ.










