
2021 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މާލޭ ސިޓީ ކައުންސިލްގެ ބިންތަކާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާނަމަ، އެކަން ބަލައި މާލޭގެ ރައްޔިތުންނަށް ހައްގު ހޯދައިދޭނެ ކަމަށް ގައުމީ މޭޔަރަލް ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "ޕީޓްރަލް ކަންމަތި ވިތް ޒަރިޔަންދު" ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލްގެ ވަސީލަތްތައް ސިޔާސީ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޒަރިޔަންދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، މާލޭ ސިޓީ ކައުންސިލްގެ ވަސީލަތްތަކާއި، ކެބިނެޓާއި، ފައިސާ ބޭނުންކުރުމުގެ ފުރުސަތު ރައީސް މުއިއްޒަށް ލިބިވަޑައިގަތް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލްގެ ވަސީލަތްތަކަށް ޚިޔާނާތްތެރިވެފައިވާނަމަ، އެކަން ބެލުމުގައި އެއްވެސް ފަރާތަކަށް ދޫނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ އަޅުގަނޑުގެ މައިންބަފައިންނަށް ނުވަތަ ތިމާގެ މީހުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރިއަސް އެ ފަރާތްތަކަށް އަދަބު ދޭން ޖެހިލުންވާނެ މީހެއް ނޫން،" ރައީސް މުއިއްޒަށް އަމާޒުކުރައްވައި ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ބޭނުމަށް ކައުންސިލްގެ ވަސީލަތްތައް ބޭނުންކުރިކަން ރައްޔިތުންނަށް ހާމަވާނެ ކަމަށް ވިސްނަވައިގެން، ޒަރިޔަންދާއި މެދު ނޭއްގާނީ އަމަލެއް ނުވަތަ ވިސްނުމެއް ގެންގުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ކައުންސިލްގެ ވަސީލަތްތަކުން އުނިވި އެއްޗެއްވާނަމަ، އެކަމުގެ ހައްގު މާލޭ ރައްޔިތުންނަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ.










