March 1, 2026
Advertisement
Addu City
Addu City / ސޯޝަލް މީޑިއާ

އައްޑޫ ބްރިޖް މަޝްރޫޢު ކެންސަލްކުރުން މަލީހް ކުށްވެރިކުރައްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 27, 2026, 12:56 PM
މާލެ ސިޓީ

އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ރާވާފައިވާ ބްރިޖް މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންސަލް ކުރެއްވި ކަމަށް ބުނާ މައްސަލާގައި، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 600 މިލިއަން ޑޮލަރުގެ ބޮޑު ބްރިޖް މަޝްރޫޢު ހުއްޓާލުމަށްފަހު، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެންމެ 5 މިލިއަން ޑޮލަރުގެ ޑޮމެސްޓިކް އެއަރޕޯޓެއް އެޅުމަށް ކަމަށެވެ. މަލީހް ސިފަކުރެއްވި ގޮތުގައި މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެކެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް އިތުރުފުޅު ހަދަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން މަލީހް ވިދާޅުވީ "މުޢިއްޒު ކިތަންމެ ދޮން ކުރިޔަސް ވާނީ ދުނބުރިއަކަށް" ކަމަށެވެ. މަލީހްގެ މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ އައްޑޫ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ލަސްވަމުންދާ ކަމަށް ބުނެ އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަލީހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ ސަރުކާރުން އައްޑޫއަށް ކޮށްދޭނެ ކަމަށް ވަޢުދުވި ގިނަ ކަންތައްތަކެއް އަދިވެސް ހުރީ ނުކޮށް ހުއްޓިފައެވެ. އަދި މިހާރު "ގްރޭޓަރ އައްޑޫ" ކޮންސެޕްޓެއްގެ ދަށުން އައްޑޫ ސިޓީ ތަރައްޤީކޮށް ބަދަލުކުރާނެ ކަމަށް ބުނެ ސަރުކާރުން ދައްކަނީ ހުސް "ފޮނި ވާހަކަ" ތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އައްޑޫ ބްރިޖަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުގެ ގޮތުގައި މީގެ ކުރިން ވަނީ އިޢުލާންކޮށްފައެވެ. ނަމަވެސް އެ މަޝްރޫޢުގެ ބަދަލުގައި ކުޑަ އެއަރޕޯޓެއްގެ ވާހަކަ ދެކެވުމަކީ އައްޑޫ ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved