
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ވެރިކަމަށް ވަޑައިގެން، ރައީސް މުއިއްޒު އެމަނިކުފާނަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ފިކުރާއި އެ ޕާޓީގެ ދުވަސް ދުއްވާލި ބޭފުޅަކީ ރައީސް މުއިއްޒު ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ނުހައްގު ހުކުމުގެ ސަބަބުން އެމަނިކުފާނު ޖަލުގައި އޮންނެވިއިރު، ކޮންމެ ޖަލްސާއެއްގައިވެސް އެމަނިކުފާނުގެ ހުސްގޮނޑި ބަހައްޓާފައިވެއެވެ. ނަމަވެސް ވެރިކަން ލިބުމާއެކު އެ ގޮނޑި ނަގާ އެއްލާލައި، ރައީސް ޔާމީނަށް ވެފައިވާ ވަޢުދުތަކާ ރައީސް މުއިއްޒު ޚިލާފުވެފައިވާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީނަށް ތާއީދުކުރާ ރައްޔިތުންނަށް މުޚާޠަބު ކުރައްވަމުން ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒު ފެންނަ ކޮންމެ ފަހަރަކު މި ޚިޔާނާތުގެ މަތިން ހަނދާން ކުރަންޖެހޭނެ ކަމަށެވެ. އަދި ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާކަން ހަނދާންކޮށްދެއްވަމުން، މި ޙަޤީޤަތް ރައްޔިތުންގެ ކުރިމަތީގައި އަބަދުވެސް އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ދުވަސް ދުއްވާލައި އެ ޕާޓީގެ ފިކުރު ނައްތާލުމުގެ ޒިންމާ އުފުލަންޖެހޭނީ ރައީސް މުއިއްޒު ކަމަށެވެ. ރައީސް ޔާމީންގެ ފޮޓޯފުޅާއި ހުސްގޮނޑި ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގަތުމަށްފަހު، އެމަނިކުފާނު މަތިން ހަނދާން ނައްތާލުމަކީ ބޮޑުވެގެންވާ އޮޅުވާލުމެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.










