
ޗާގޯސް (ފޯޅަވަހި)ގެ މިލްކުވެރިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އައި ބަދަލާ ގުޅިގެން، ރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމައިފިއެވެ.
މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު އާންމުކުރި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގައި ބުނެފައިވަނީ، ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަތުން ދިވެހި ސަރުކާރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެ ސަރަހައްދާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒު ކުރަމުންދާތީ، އެކަމުގެ ހިތްހަމަނުޖެހުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް 43 އަހަރުވީ ގުޅުން ކަނޑާލަން ނިންމީ ކަމަށް އެ ގައުމުން ބުނެއެވެ.
މި ނިންމުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ހުށަހަޅާފައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އާ ބެހޭ ބިލުގެ މަސައްކަތް ވެސް މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. މޮރިޝަސްއިން ހާމަކުރި ގޮތުގައި އެ ބިލަށް އަމަލުކުރަން ފަށާނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުންނެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 15 ޖެނުއަރީ 1981 ގައެވެ. ނަމަވެސް، ޗާގޯސްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން މި މައްސަލައިގައި ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ވެރިކަމަށް އައިތާ ދެ އަހަރު ފަހުން މިހާރު ސަރުކާރުން ވަކާލާތު ކުރަމުންދަނީ ޗާގޯސްގެ މައްޗަށް އެންމެ ބޮޑު ހައްގެއް އޮތީ ރާއްޖެއަށް ކަމަށެވެ. އަދި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް މިހާރުގެ ސަރުކާރުން ދެކޭ ކަމަށްވެސް ވަނީ ބުނެފައެވެ. ކުރީ ސަރުކާރުން ގެއްލުވާލި ފޯޅަވަހީގެ ސަރަހައްދު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އިންތިޚާބުގެ ދުވަސްވަރު ބުނި ނަމަވެސް އަމަލީ ގޮތުން އެކަމަށް މަސައްކަތެއް މި ސަރުކާރަށް ކުރެވުނީ ހުވާ ކުރިތާ ދެ އަހަރުވެސް ފާއިތުވީ ފަހުންނެވެ.










