February 28, 2026
Advertisement
Member Shameez
Member Shameez / ސޯޝަލް މީޑިއާ

ޕީއެންސީ ކެންޑިޑޭޓުންނަށް ކެމްޕޭން ނުކުރާނަމަ އިސްތިއުފާ ދޭން ޝަމީޒް އަންގައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 12:37 PM
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިނުވާ ސިޔާސީ މުވައްޒަފުން މަގާމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނެ، މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު ޝަމީޒް ސަރުކާރުގެ މުވައްޒަފުންނަށް ބިރުދައްކަވައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަމީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިބި މަޑަވެލީގެ މީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕޭން ނުކުރާނަމަ، އެމީހުންނަކީ އެ މަގާމުތަކަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށެވެ.

އަދި އެފަދަ މުވައްޒަފުންނަށް އޮތީ ދެ ގޮތެއް ކަމަށާއި، އެއީ މަގާމުގައި ދެމިހުރުން ނުވަތަ އިސްތިއުފާ ދިނުން ކަމަށް ވިދާޅުވެ އޭނާ ވަނީ މުވައްޒަފުންނަށް އިންޒާރު ދެއްވާފައެވެ.

"ރައީސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ މަޑަވެލި ދާއިރާއަށް ނިސްބަތްވާ ސިޔާސީ މީހުންގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކުރެވޭ ނަމަ މަގާމުތަކަށް އެކަށީގެން ނުވޭ،" ޝަމީޒު ލިއުއްވާފައިވާ އެވެ.

ޝަމީޒް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ޕީއެންސީގެ އެތެރޭގެ ޕްރައިމަރީއާ ގުޅިގެން ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ވަކި ބަޔަކަށް ފުރުސަތު ދިނުމަށްޓަކައި ބައެއް ކެންޑިޑޭޓުންގެ ނަންތައް އުނިކޮށްފައިވާ ކަމަށް ބުނެ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މަގާމުގެ ބިރުދައްކައިގެން ކެމްޕޭނަށް ނެރުމަށް ކުރާ މި މަސައްކަތަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

 ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީތަކުގައި ސިޔާސީ ވަޒީފާތައް އުފައްދަމުން ދަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މުވައްޒަފުން ނެގުމަށް ރައީސަށް ދީފައިވާ ބާރުގެ ތެރެއިންނެވެ. 

ދައުލަތުގެ ހަރަދު އެންމެ ބޮޑުވާ އެއް ސަބަބަކީ ވެސް ސިޔާސީ މުވައްޒަފުން ގިނަވެގެން ދިއުމެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 700ގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ސަރުކާރުން ހާމަކުރި ގޮތުގައި 900އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން މި ސަރުކާރުގައި އެބަ ތިއްބެވެ. ސަރުކާރުން އަދަދެއް ބުނި ނަމަވެސް މުވައްޒަފުންގެ ލިސްޓެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved