
ފިރުއައުނާ ގާރޫނާ ނަމްރޫދު އުޅުނު ގޮތަށް، ބާރާ މުދާވެރިކަމުގެ މަސްތުގައި އުޅެނިކޮށް ގުދުރަތުގެ ބާރުން ހަމަބިމަށް ތިރިވާން ނަގާނީ ހިނދުކޮޅެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލުގެ މާނަ ފުން ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ. ޖަމީލުގެ ބަހުގެ ހޫނު ހަމަލާއެއް ސަރުކާރަށާ ރައީސް މުހައްމަދު މުއިއްޒަށް އަމާޒުވާހެން ލިޔުއްވާފައިވަނީ އެކްސްގައެވެ.
ރަައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައި ރައީސް ޑރ މުއިއްޒަށް ވެރިކަމެއް ލިބުނީތީ އެމަނިކުފާނު ވަނީ ބޮޑާވެ ނުބައި އިންސާނަކަށް ބަދަލުވެފައި ކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ. ރޯދަމަހޭ ދީނޭ ކިޔާ ރައީސް މުއިއްޒާ އަނބިކަނބަލުންވެސް ތަންތަނުގައި ވާހަކަ ދެއްކުމަށް ފަހު، އަމަލީ ގޮތުން ދައްކުވަނީ އަޚްލާގެއް ނެތް ބައެއްގެ މިސާލު ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައީސް ޔާމީނު ވަޑައިގަންނަވާ ކޮންމެ ތަނަކަށް ހުރަސްއަޅާ އުނދަގޫ ކުރާއިރު، މިހާރު އާރާ ބާރާ އެކު ހުންނެވި ވެރިކަން ލިބުނު ގޮތް އެއްފަހަރުވެސް ހަނދާން ކޮށްލެއްވިންތޯ އައްސަވާ ރައީސް މުއިއްޒަށް ސުވާލެއް އަމާޒު ކުރައްވާފައެވެ.
ހަމަ އެހެންމެ ކުފޫ ހަމަވެ ސިޔާސީ ކަންކަމަށް ތަސައްރަފު ނުފުދޭ މީހުން ސިޔާސީ ކަންތަކުގައި ނޫޅެންވީ ނޫންތޯ ނޫން އައްސަވާ ޑރ ޖަމީލު އިތުރަށް ވަނީ ތިމާމެންނަށް އިޙްސާންތެރިވި، އުމުރުން ދޮށި، ގައުމު ތާއަބަދު ޝުކުރުވެރިވާ ފަދަ ޚިދުމަތްތެރި، އިލްމީ ބޭފުޅުންނަށް އިޙްތިރާމް ކުރަން ނޭނގޭ، މުއިއްޒު ފަދަ ވެރިޔަކު ދެން ރައްޔިތުންނަށް ދައްކާނީ ކޮން ނަމޫނާ އެއް ކަމާ މެދުވެސް ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ދީނުގައި އަޚްލާގަކީ އީމާންކަން ފުރިހަމަވުމުގެ ބައެއްގެ ގޮތުގައި އޮތީ އެކަން އިންސާނުންގެ ތެރޭ އަމަލީގޮތުން ދެއްކުމުގެ މުހިއްމުކަން ބޮޑުކަމުންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ފިރުއައުނާ ގާރޫނާ ނަމްރޫދު އުޅުނު ގޮތަށް ބާރާ މުދާވެރިކަމުގެ މަސްތުގައި އުޅެނިކޮށް ގުދުރަތުގެ ބާރުން ހަމަބިމަށް ތިރިވާން ނަގާނީ ހިނދުކޮޅެއް ކަމަށް ވިދާޅުވެފައެވެ. ވެރިކަމުގައި އަބަދަކު ނުހުރެވޭނެ ކަމާ އެކަން ގަބޫލް ނުކުރާނީ އެމީހެއްގެ މޮޔަކަމުން ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލުގެ މިފަދަ ހޫނު ބަސްތަކެއް ދޫކުރައްވާފައިވަނީ ރައީސް ޔާމީން ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ފިހާރައެއް ހުޅުވާދެއްވުމަށް ފަހު، ގައުމީ މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ހުންނަވަނިކޮށް އެ ސިޔާސީ ހަރަކާތަށް ހުރަސް އަޅަން ސަރުކާރުން ފައިސާ ދީގެން ބަޔަކު ފޮނުވާފައިވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.










