February 28, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައީސް އޮފިސް

ބާރާއި މުދަލުގެ މަސްތުގައި އުޅުނަސް ހަމަބިމަށް ތިރިވާން ނަގާނީ ހިނދުކޮޅެއް: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Feb 28, 2026, 01:49 PM

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވެރިކަމުގެ ބާރާއި މުދަލުގެ މަސްތުގައި ޖެހި 'ބޮޑާވެ ނުބައިވެއްޖެ' ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިފި ކަމަށާއި، ދީނާއި އަޚްލާޤުގެ ވާހަކަ ދެއްކެވުމަށްފަހު އަމަލީ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.

ޑރ. ޖަމީލްގެ ފާޑުވިދާޅުވުން ބޮޑަށް އަމާޒުކުރެއްވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޑައިގެންނެވި ޖަލްސާއަކަށް ޕީއެންސީން ގޭންގެއް ފޮނުވައި ހުރަސްއަޅައި، އެމަނިކުފާނަށް އުނދަގޫ ކުރުމާ ގުޅިގެންނެވެ.

ޖަމީލް ސުވާލު އުފެއްދެވީ މިހާރުގެ ވެރިންނަށް މި ވެރިކަން ލިބުނު ގޮތް ހަނދާން އެބަހުރިތޯއެވެ. އަދި ތިމާމެންނަށް އިޙްސާންތެރިވި، ޤައުމަށް ޚިދުމަތްތެރި، އިލްމީ ބޭފުޅުންނަށް އިޙްތިރާމް ކުރަން ނޭނގޭ ބޭފުޅަކަށް ރައްޔިތުންނަށް ދެއްކޭނެ ނަމޫނާއެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖަމީލް ވިދާޅުވީ އިސްލާމްދީނުގައި އަޚްލާޤަކީ އީމާންކަމުގެ ބައެއް ކަމަށާއި، އެކަން އަމަލުން ދެއްކުން މުހިއްމު ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ފިރުއައުނާއި، ގާރޫނާއި، ނަމްރޫދު ފަދަ މީހުން އުޅުނު ގޮތަށް ބާރުގެ މަސްތުގައި އުޅޭ މަންޒަރު ކަމަށް އޭނާ ސިފަކުރެއްވިއެވެ. ގުދުރަތުގެ ބާރުން ހަމަބިމަށް ތިރިވާން ނަގާނީ ހިނދުކޮޅެއް ކަމަށް ވިދާޅުވެ، ވެރިކަމަކީ އަބަދު ދެމިގެންވާނެ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved