
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ސިޔާސީ ޙަރަކާތްތަކަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ފާޑުވިދާޅުވީ، ރޭ ރައީސް ޔާމީންގެ އިވެންޓަކަށް ހުރަސްއެޅުމަށް ގޭންގަކަށް ފައިސާދީގެން ބަޔަކު ފޮނުވި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މި ވެރިކަމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ހޯދި ވެރިކަމެއް ކަމަށާއި، ވެރިކަން ލިބުމުން ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަރަށް ބޮޑާވެ، ނުބައި އިންސާނުންނަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ދީނާއި އަޚްލާޤުގެ ވާހަކަ ދެއްކެވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ އެއްވެސް އަޚްލާޤެއް ނެތް މަންޒަރުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީނު ވަޑައިގަންނަވާ ކޮންމެ ތަނަކަށް ހުރަސްއަޅާ އުނދަގޫ ކުރާއިރު، ތިޔަ ވެރިކަން ލިބުނު ގޮތް އެއްފަހަރުވެސް ހަނދާން ކޮށްލެއްވިންތޯ؟" ޑރ. ޖަމީލް ސުވާލު އުފެއްދެވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ތިމާގެ އަމިއްލަ ނަފްސަށް އިޙްސާންތެރިވި، އުމުރުން ދޮށި، އަދި ޤައުމަށް ޚިދުމަތްތެރި އިލްމީ ބޭފުޅުންނަށް އިޙްތިރާމް ކުރަން ނޭނގޭ ވެރިއަކަށް ރައްޔިތުންނަށް ދެއްކޭނެ އެއްވެސް ނަމޫނާއެއް ނޯންނާނެ ކަމަށެވެ.
ދީނުގައި އަޚްލާޤަކީ އީމާންކަމުގެ ބައެއްކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، ފިރުޢައުނާއި ޤާރޫނު ފަދަ މީހުން އުޅުނު ގޮތަށް ބާރާއި މުދަލުގެ މަސްތުގައި އުޅެނިކޮށް، ކުއްލި ގޮތަކަށް ހަމަބިމަށް ތިރިވާން ނަގާނީ މަދު ހިނދުކޮޅެއް ކަމަށެވެ. އަދި ވެރިކަމުގައި އަބަދަކު ނުހުރެވޭނެ ކަމަށާއި، އެކަން ޤަބޫލުނުކުރެވެނީ މޮޔަކަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ސަރުކާރުން އެމަނިކުފާނުގެ ސިޔާސީ ޙަރަކާތްތަކަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.










