February 28, 2026
Advertisement
ޒަރިޔަންދު ހޮވުނަސް އަމިއްލަ އެއްވެސް ހުށަހެޅުމެއް ނެތް: ރައީސް ޔާމީން
ޒަރިޔަންދު ހޮވުނަސް އަމިއްލަ އެއްވެސް ހުށަހެޅުމެއް ނެތް: ރައީސް ޔާމީން / ތޭރަ އޮންލައިން

ޒަރިޔަންދު ހޮވުނަސް އަމިއްލަ އެއްވެސް ހުށަހެޅުމެއް ނެތް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 28, 2026, 02:32 PM
މާލެ ސިޓީ

ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް، ގައުމީ މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު އިންތިހާބުވެގެން ދިޔަނަމަވެސް އެމަނިކުފާނުގެ އެއްވެސް އަމިއްލަ ހުށަހެޅުމެއް ނެތް ކަމަށް، ޒަރިޔަންދުއަށް އެންޑޯޒުމަންޓު ދެއްވާ ތާއީދު ކުރެއްވި ޕީއެންއެފްގެ ރައީސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލޭގައި ހުންނަވާދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ އަބަދު ވެސް އޭރެއްގެ ހާލަތަށް ބަލާފައި ގައުމުގެ މަސްލަހަތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ. އެމަނކުފާނު ވަނީ އެމަނިކުފާނަކީ އެފަދައިން އަމަލު ކުރައްވާ ބޭފުޅެއްކަމުގެ މިސާލުވެސް ދައްކަވާފައެވެ. އެގޮތުން އެ މަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި މާލޭގެ މެންބަރުކަމަށް އެ ބޭފުޅުންގެ ވާދަވެރިޔާ މުހައްމަދު ނަޝީދު ނުކުންނެވުމުން ރައީސް ޔާމީން ނަޝީދަށް ތާއީދުކުރެއްވި ކުރެއްވުން އެމަނިކުފާނު ހަނދާނަށް ގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭރު ވެސް ނަޝީދަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް، ސިޔާސީ ޖޯޝު ހުންނެވި ބޭފުޅަކު މަޖިލީހުގައި އިންނަވަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ އެވެ.

ހަމަ އެ އުސޫލުން އޭގެ އަހަރުތަކެއް ފަހުން މިހާރު ޒަރިޔަންދުއާ އެކު ވެސް ހުންނެވީ ގައުމުގެ މަސްލަހަތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ﷲގެ ރަހުމަތުން ޒަރިޔަންދު އިންތިހާބުވީ ނަމަވެސް އެމަނިކުފާނުގެ އެއްވެސް އަމިއްލަ ހުށަހެޅުމެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މާލެއަކީ ވެރިކަންކުރާ ރަށަށްވާތީ ރާއްޖޭގެ އެންމެންގެ ވެސް ރަށް ނަމަވެސް ވޭތުވެދިޔަ ތަނުގައި މާލޭގެ މޭޔަރުންގެ ފަރާތުން ފެނުނުހާ ވެސް ކަމަކީ މާލޭގެ ބިންތައް ނުއަގުގައި ގާތް ވަކި ބަޔަކަށް ދިނުން އެކަނި ކަމަށެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލްގައި ހިނގި މައްސަލަތައް ބަލަން ޖެހޭ ކަމަށާއި އެކަން ބެލެން އަންނަނީ ޒަރިޔަންދު ފަދަ ގާބިލް އަދި މި ވަގުތު ސިޔާސީ ލީޑަރެއްގެ ފަހަތުގައި ނެތް މީހަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved