March 1, 2026
Advertisement
Muizzu
Muizzu / ރައީސް އޮފިސް

އެމެރިކާއާއި އިޒްރޭލުގެ އުދުވާން ކުށްވެރިކުރަން ދީނީ ތާކިހާ އަޅައިގެން އުޅޭ މުއިއްޒަށް ނުކެރުނު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 09:46 PM
މާލެ ސިޓީ

އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނަށް ދިން ނުރައްކާތެރި ހަމަލާ ދުނިޔޭގެ ގިނަ ގައުމުތަކަކުން ކުށްވެރިކުރަމުން ދާއިރު، ރާއްޖޭގެ ރައީސްގެ ފަރާތްޕުޅުން ފެންނަނީ ހިމޭންކަމެވެ. އިސްލާމީ ރަނގަޅު ވެރިކަމެއް ކުރަން އައި ކަމަށް ބުނާ މީހާގެ ސްޓޭންޑް އަބަދުވެސް ހުރީ މުސްލިމުންގެ ދުޝްމަނުންނާ އެކުގައިކަން މި ހާދިސާއިންވެސް ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

Advertisement

އިސްލާމީ އުސޫލުތަކާއި ދީނީ ވަހުދަތު ދަމަހައްޓާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، މުސްލިމް އުންމަތުގެ ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވައިފިއެވެ. އިޒްރޭލާއި އެމެރިކާއިން އިރާނަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ބަހެއް ބުނަން ނުކެރި، މުއިއްޒުގެ ސަރުކާރު އޮތީ ބިރުން ފިލައެވެ.

އެމެރިކާއަށް އޮތް ބިރެއްގެ ބޮޑުކަމުން، އެމީހުން އިރާނަށް އިސްވެ ދިން ހަމަލާ ކުށްވެރިކުރަން ނުކެރުނު ތަނުގައި، މުސްލިމް ގައުމެއްގެ ދިފާއުގައި ބަހެއް ބުނުމުގެ ހިތްވަރެއް ވެސް މުއިއްޒުގެ ކިބަޔަކު ނެތެވެ. މިއީ މުސްލިމް އުންމަތުގެ ހައްގުގައި ވަކާލާތު ކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް ދައްކަމުންދާ ދަޅައެއްކަން މިހާރު ވަނީ ސާފުވެފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ހައްގުގައި ވާހަކަދައްކަނީވެސް އިޚްލާސްތެރިކަމެއް އޮވެގެން ނޫން ކަމަށާއި، އެއީ ހަމައެކަނި އާންމު ރައްޔިތުންގެ ރުހުން ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަމަލީ ގޮތުން މުސްލިމުންނަށް ކުރިމަތިވާ ނުރައްކާތަކުގައި ބަސްބުނަން ޖެހޭ ވަގުތު މުއިއްޒު ފެންނަނީ އިސްލާމީ އުސޫލުތަކަށްވުރެ ބޮޑަށް ހުޅަނގުގެ ބާރުތަކަށް ބޯލަނބާ މަންޒަރެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އިސްލާމީ ގައުމުތަކަށް ދެވޭ އުދުވާނީ ހަމަލާތަކަށް ދެވޭ ހިމޭން ތާއީދަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. މިއަދު ފެންނަމުންދަނީ "ދީނީ ތާކިހާ" އަޅައިގެން ތިބެ، މުސްލިމް ދުޝްމަނުންގެ މަސްލަހަތު ހިމާޔަތް ކުރަމުންދާ މަންޒަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved