ޔޫތު ސިޓީގައި އޮތް މާހެފުމަކަށް ވަޑައިގެންނެވި މައްސަލަ ބަލާނެ ކަމަށް ބުނެ ސަރުކާރުން ރައީސް އަބްދުﷲ ޔާމީނަށް އިންޒާރުދީފިއެވެ.
އެމަނިކުފާނުގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ލަތީފްގެ ފަރާތުން ބާއްވާ މާހެފުމަށް ރައީސް ޔާމީން ވަޑައިގެންނެވީތީ އެއީ އުސޫލާ ހިލާފުވުން ކަމަށް ބުނެ ރައީސް ޔާމީންގެ މައްސަލަ ބަލާނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވާފައެވެ.
ރައީސް ޔާމީންއަކީ މިިނިވަނެއްކަމަށް މި ސަރުކާރުގެ ގިނަ ސަޕޯޓަރުން ބުނަމުން ދާއިރު ރައީސް ޔާމީނާ މެދު މި ސަރުކާރުން ގެންގުޅެނީ ހަރުކަށި އުސޫލުތަކެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއެވެ. އެގޮތުން އެމަނިކުފާނު ދާދި ފަހުން ލިބިވަޑައިގަންނަވަން އެދިލެއްވި ލުއިތައްވެސް ގާނޫނާ މަތިކޮށް ނުދީ ހިފެހެއްޓިއިރު އެކަމުގައި ގާނޫނީ ފުށު އެރުންތަކެއް ނެތްކަން ވެސް ގާނޫނީ ވަކީލުން ވިދާޅުވިއެވެ.
ރަމަޟާން މަހަށް ބޭއްވި ޚާއްސަ މާހެފުމަކަށް އެމަނިކުފާނު ވަޑައިގެންނެވުމުން ފިޔަވަޅު އަޅާ މައްސަލަ ބަލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާއިރު މިދިޔަ ސަރުކާރުން ރަމަޟާން މަހު އެމަނިކުފާނު ބަންދުކޮށްގެން ގެންގުޅޭތީ އެންމެ ބާރަށް އެ ވާހަކަތައް ދެއްކެވި ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގައިކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީނަށް ނިމިދިޔަ ސަރުކާރުން ދިން ލުއިތަކުގެ އިތުރުން އިތުރު ދެ ލުޔަކަށް މި ސަރުކާރު އައި ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާ ބައްދަލުކޮށް އިންޓަރވިއު ދެއްވުމުގެ ހުއްދައަށާ އަދި އަމިއްލަފުޅު ގެކޮޅުގައި ނޫނަސް މީހުންނާ ބައްދަލުކުރުމުގެ ހުއްދައަށް އެދިވަޑައިގެންފައިވެއެވެ.
ނަމަވެސް މިސަރުކާރުން ވަނީ، އެއީ ގާނޫނީ ހުރަސްތަކެއް ހުރުމުން ދެވެން ނެތް ލުއިތަކެއް ކަމަށް ނިންމާފައެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ޕޯޑިއަމްތަކުގައާ އަދި ނޫސްވެރިންނާ ބައްދަލުކުރުމުގެ ހުއްދަ ދެއްވަން ސަރުކާރަށް ނުކެރިގެން އުޅެނީ ޕީޕީއެމް ދޫކުރައްވާ އެމަނިކުފާނު ނުކުންނެވި ސަބަބު ރައްޔިތުންނަށް އެނގި ހަގީގަތް ހާމަވެދާނެތީ ކަމަށެވެ.