
ފަރަންސޭސިވިލާތުގެ ރައީސް އިމަނުއަލް މެކްރޮން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުން ގުޅިގެން އީރާނާއި އަރަބި ގައުމުތަކާ ދެކޮޅަށް ފަށާފައިވާ ސިއްރު ހަނގުރާމައިގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މެކްރޮން ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް އިސްރާއީލުން ހިންގަމުންދާ މި އަމަލުތަކުގެ ސަބަބުން، ސައްދާމް ހުސައިންގެ ދުވަސްވަރަށް ފަހު ދެވަނަ ފަހަރަށް ޔޫރަޕްގެ މަސްލަހަތުތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. މިކަމަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށްޓަކައި އިސްރާއީލުން ރާވައިގެން ހިންގާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
މިހާރުވެސް އިސްރާއީލުން ދަނީ އީރާނުގެ ސިޔާދަތަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެކި ބާވަތުގެ އުދުވާނީ ހަމަލާތައް ދެމުންނެވެ. މެކްރޮންގެ މި ވާހަކަފުޅުން ދޭހަވަނީ، އިސްރާއީލުގެ މިފަދަ ހަރުކަށި އަމަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ މަސްލަހަތަށް، ހާއްސަކޮށް ޔޫރަޕްގެ އިގްތިސާދީ އަދި ސިޔާސީ މަސްލަހަތުތަކަށް ބޮޑު ނުރައްކަލެއް އޮތް ކަމެވެ.
މި ހަނގުރާމައަކީ ހަމައެކަނި އީރާނާ ދެކޮޅަށް ކުރެވޭ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ސަރަހައްދުގެ އިސްލާމީ އަދި އަރަބި ގައުމުތަކުގެ ބާރު ކަނޑުވާލުމަށް އިސްރާއީލުން ކުރިއަށްގެންދާ ބޮޑު ރޭވުމެއްގެ ބައެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.










