March 1, 2026
Advertisement
Iran
Iran / އިރާންއެމޭޒް.ކޮމް

ޓެރަރިސްޓް ނަތަންޔާހޫ އަކީ ދޮގު ހަދާ ބަހުލޫލެއް، މިއީ އަދި އަސްކަރީ ބާރުގެ ކޯރެއްގެ ކޯވަރެއް: އީރާން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 1, 2026, 02:11 AM
މާލެ ސިޓީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ދުނިޔެއަށް އޮޅުވާލައިގެން ދޮގު މައުލޫމާތު ފަތުރާ "ބަހުލޫލެއް" ކަމަށް ސިފަކޮށް، އީރާނުން އޭނާއަށް ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުން މިފަދަ ބަހުގެ ހަމަލާއެއް ދީފައިވަނީ، އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ގުޅިގެންނެވެ.

Advertisement

އީރާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ރޫހާނީ ލީޑަރު ހުންނެވީ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ. އަދި ނަތަންޔާހޫ އަކީ ބައިނަލްއަގުވާމީ މައިދާނުގައި ޓެރަރިޒަމް ފަތުރައި، ދޮގު ހެދުމުގައި ހައްދުފަހަނަޅާފައިވާ މީހެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައެވެ.

މިހާރު ކުރިއަށްދާ ކުރިމަތިލުންތަކާ ގުޅޭގޮތުން އީރާނުން ހާމަކުރި ގޮތުގައި، މިހާތަނަށް އިޒްރޭލަށް އަމާޒުކޮށް 1,200 އަށްވުރެ ގިނަ މިސައިލް ވަނީ ފޮނުވާލާފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިޒްރޭލުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އިޒްރޭލުގެ މުހިންމު އަސްކަރީ މަރުކަޒުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އީރާނުން ވަނީ ދައުވާކޮށްފައެވެ.

އީރާނުގެ އަސްކަރީ ކޮމާންޑަރުން ވިދާޅުވާ ގޮތުގައި، މިހާތަނަށް ދީފައިވާ ހަމަލާތަކަކީ އީރާނުގެ އަސްކަރީ ގާބިލުކަމުގެ ވަރަށް ކުޑަ މިންވަރެކެވެ. "މިއީ އަދި ފެށުމެއް. އީރާނުގެ އަސްކަރީ ބާރު ދައްކާލުން އަދި އޮތީ ކުރިއަށް،" އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ބުނެފައިވަނީ އިޒްރޭލުގެ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި ޓެރަރިސްޓް ދައުލަތެއްގެ ގޮތުގައި އީރާނުން ސިފަކުރާ އިޒްރޭލުގެ އުދުވާންތައް ހުއްޓުވުމަށް ފަސްނުޖެހޭނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved