
އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާއީލުގެ އަނިޔާވެރި އުދުވާނީ ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެން، އެ ގައުމުގެ އިސްފަހާނުގެ މަގުތަކަށް އެތައް ހާސް ރައްޔިތުންނެއް ޖަމާވެއްޖެއެވެ.
މި ނުރައްކާތެރި ހަމަލާއާ ގުޅިގެން މުޅި އީރާނަށް ވަނީ ފުން ހިތާމައެއް ވެރިވެފައެވެ. އިސްފާހާނުގެ މައި މައިދާންތަކަށް އެއްވި މީހުން ދަނީ ކަރުނައާއެކު އެމެރިކާއާއި އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލައި، މި ލާމަސީލު ގައުމީ ލީޑަރުގެ ވަކިވުމުގެ ބަދަލު ހިފާނެ ކަމަށް ބުނަމުންނެވެ.
އެއްވެފައިވާ އާންމުން ބުނަމުންދަނީ، މިއީ ހަމައެކަނި އީރާނަށް ދިން ހަމަލާއެއް ނޫން ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތުގެ ހިތަށް ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ. އަދި އާޔަތުﷲ ޚާމަނާއީ ޝަހީދުކޮށްލުމަކީ އެމެރިކާއާއި އިސްރާއީލުން ހިންގި ވަރަށް ދަށުދަރަޖައިގެ ޓެރަރިސްޓް އަމަލެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އީރާނުގެ އެކި ކަންކޮޅުތަކުގައި ދަނީ ޣައިބަށް ކަށުނަމާދު ކުރުމާއި، ހިތާމަ ފާޅުކުރުމުގެ ހަރަކާތްތައް ބާއްވަމުންނެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ހަމަލާއާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.










