March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒު ހުރި ގޮތް އެންމެ ރަނގަޅަށް ދައްކުވައިދޭ 1 ގަނޑު ފޮޓޯ

Mar 10, 2026, 12:00 AM
މާލެ ސިޓީ

މުޅި ދުނިޔެ އިސްލާމީ އުއްމަތާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، ފަލަސްޠީނާއި އިރާނާއި ލުބުނާނުގެ މުސްލިމުންގެ ލޭ އޮހޮރުވަމުންދާ މި ނާޒުކު ދަނޑިވަޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚުދުމުޚުތާރު ސިޔާސަތުތަކާއި އޭނާގެ ހަގީގީ ސޫރަ މިއަދު ވަރަށް ރަނގަޅަށް ދިވެހި ރައްޔިތުންނަށް ހާމަވެއްޖެއެވެ. ގައުމީ ދިފާއީ ބާރާއި ސިއްރު ހިފެހެއްޓުމުގެ ނަމުގައި މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ފަހަތުގައި އޮތީ އިސްލާމީ އުއްމަތުގެ ދުޝްމަނުންނަށް ވާގިވެރިވުންކަން މިއަދު މިވަނީ ހާމަކަން ބޮޑު ގޮތެއްގައި ފެންނާށެވެ.

Advertisement

މިކަން އެންމެ ބޮޑަށް ސާފުވެގެން ދިޔައީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭމަތީގައި އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް އޮތް މަންޒަރު ފެންނަ ފޮޓޯއަކުންނެވެ. މިއީ ހަމައެކަނި ފޮޓޯއެއް ނޫނެވެ. މިއީ މުއިއްޒުގެ ސަރުކާރުން އިޒްރޭލާއި އެމެރިކާގެ އިސްތިޢުމާރީ ބާރުތަކަށް ކަނޑައެޅިގެން ތާއީދުކުރާކަން ހާމަކޮށްދޭ ހެއްކެކެވެ. އިރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ބޮޑު އުދުވާނެއް ހިންގަމުންދާ ދުވަސްވަރެއްގައި، ރާއްޖޭގެ މައި ވައިގެ ބަނދަރަށް މިފަދަ ހަނގުރާމަމަތީ ބޯޓެއް ޖެއްސުމަކީ އިއްތިފާގެއް ނޫނެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގައި ހަނގުރާމަމަތީ ބޯޓުފަހަރަކީ ރޫޓިންކޮށް، ހަމަ ހުރެލާފައި ޖައްސާ އެއްޗެއް ނޫނެވެ. އެފަދަ ބޯޓެއް ރާއްޖޭގައި ޖެއްސޭނީ ސީދާ ސަރުކާރުގެ ހުއްދަ ލިބިގެން، ތެޔޮ އެޅުމަށް ނުވަތަ އެނޫންވެސް އަސްކަރީ ބޭނުމަކަށެވެ. މުސްލިމް ގައުމުތަކަށް ބޮން އަޅައި، ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ބާރުތަކަށް ރާއްޖޭގެ ފަސްގަނޑުން މިފަދަ ފުރުސަތެއް ދިނުމަކީ މުއިއްޒު އިސްލާމީ އުއްމަތަށް ވީ ބޮޑު ޚިޔާނާތެކެވެ.

ސުވާލަކީ، ފާޅުގައި އިޒްރޭލު ކުށްވެރިކުރަން މުއިއްޒަށް ނުކެރިގެން އުޅެނީ ކޮން ކަމަކާ ބިރުން ހެއްޔެވެ؟ ކެމްޕޭން ދުވަސްވަރު ދީނީ ތާކިހާ އަޅުއްވައިގެން، އިސްލާމީ ވަހުދަތުގެ ވާހަކަ ދެއްކެވި މުއިއްޒު މިއަދު ތި ކުޅުއްވަނީ ކޮން ކަހަލަ ޑްރާމާއެއް ހެއްޔެވެ؟ އެއްގޮތަކުން މުސްލިމުންނަށް ހަމްދަރުދީވާ ކަމަށް ދައްކައި، އަނެއްކޮޅުން މުސްލިމުން ގަތުލުކުރަން ބޭނުންކުރާ ހަނގުރާމަމަތީ އާލާތްތަކަށް ރާއްޖޭގެ ދޮރުތައް ހުޅުވާލުމަކީ ދެފުށްގެރޭ ސިޔާސަތެއް ނޫން ހެއްޔެވެ؟

މިއަދު ދިވެހި ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތަކީ، ރައީސް މުއިއްޒު އިސްލާމީ އުއްމަތުގެ މަސްލަހަތަށްވުރެ ބޮޑަށް އިސްކަންދެނީ ހުޅަނގުގެ ބާރުތަކުގެ ރުހުން ހޯދުމަށް ކަމެވެ. މުސްލިމް ގައުމަކާ ދެކޮޅަށް ހިންގާ އުދުވާނެއްގައި ބައިވެރިވާ ބަޔަކަށް ވާގިވެރިވުމަކީ ލަދުވެތި ކަމެކެވެ.

މި ފޮޓޯއަކީ މުއިއްޒުގެ އަސްލު ސޫރަ ހާމަވެގެން ދިޔަ "މާސްޓަރޕީސް" އެކެވެ. ދީނީ އަދި ގައުމީ ސިފަ ޖައްސައިގެން ހުރެ، އިސްލާމީ އުއްމަތުގެ ދުޝްމަނުންނަށް ރާއްޖޭގެ އެއާޕޯޓް ހިސާރުކުރަން ދިނުމަކީ ދިވެހި ތާރީޚުގައި ލިޔެވޭނެ ކަޅު ސަފުހާއެކެވެ. މުއިއްޒުގެ މި އަމަލުން ދޭހަވަނީ އޭނާ ހުރީ އިސްލާމީ އުއްމަތާ އެކު ނޫން ކަމާއި، އޭނާގެ މިސްރާބު ހުރީ އިޒްރޭލާއި އެމެރިކާގެ ފައިބުޑަށް ކަމެވެ. މުއިއްޒު ހަމަ ލަދެއްވެސް ނުގަންނަނީތޯއެވެ؟

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved