
ބަންގްލަދޭޝްއަށް ނިސްބަތްވާ ތެޔޮ އުފުލާ ޓޭންކަރުތަކަށް، ބައިނަލްއަޤްވާމީ ކަނޑުގެ މުހިންމު ސަރަޙައްދެއް ކަމަށްވާ ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ފުރިހަމަ ޔަގީންކަން އީރާނު ސަރުކާރުން ދީފިއެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން މިކަން ރިޕޯޓްކޮށްފައިވަނީ އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.
ބަންގްލަދޭޝްގެ "ބިޒްނަސް ސްޓޭންޑަރޑް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ އެ ގައުމަށް ބޭނުންވާ ތެލުގެ ސަޕްލައި މެދުނުކެނޑި ލިބޭނެ ގޮތްތަކެއް ހޯދުމަށް އީރާނާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކެއްގެ ނަތީޖާއެވެ. މި މަޝްވަރާތަކަށްފަހު، ބަންގްލަދޭޝްއަށް ތެލާއި ގޭސް އުފުލާ އުޅަނދުތަކަށް އެއްވެސް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނެކަމުގެ ޔަގީންކަން އީރާނުން މިހާރު ވަނީ ރަސްމީކޮށް ދީފައެވެ.
މި މުހިންމު އެއްބަސްވުމަކަށް އާދެވުނީ ބަންގްލަދޭޝްގެ އެނާޖީ އެޑްވައިޒަރު އިޤްބާލް ޙަސަން މަޙްމޫދު ތުކޫ އާއި، އީރާނުން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަލީލް ރަހީމީ ޖަހަނަބާދީއާ ދެމެދު ބޭއްވުނު ބައްދަލުކުރެއްވުންތަކަށް ފަހުގައެވެ. މިއީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ތެލުގެ އަގު އުފުލިދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި ބަންގްލަދޭޝްއަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އިސްރާއީލާއި އެމެރިކާއާ ގުޅުން އޮންނަ އުޅަނދުތައް ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، ހުޅަނގުގެ ނުފޫޒުން އެއްކިބާވެފައިވާ ގައުމުތަކަށް އެ ސަރަޙައްދުން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެކަމަށް އީރާނުން ކުރިންވެސް ބުނަމުންދެއެވެ.
ބަންގްލަދޭޝްއިން ދަނީ އެ ގައުމުގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށްޓަކައި އީރާނުގެ އިތުރުން ޗައިނާ އަދި އިންޑިއާއާއެކުވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން، އިންޑިއާގެ އޭއެންއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިއަދު އެކަނިވެސް 5000 ޓަނުގެ ޑީސަލް އިންޑިއާއިން ބަންގްލަދޭޝްއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.










