
ރާއްޖޭގެ ދާޚިލީ ކަންކަމުގައި ދީނީ ކާޑު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ ރައީސް މުއިއްޒުގެ ސަރުކާރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅުވައިގެން އީރާނަށް އަމާޒުކޮށް ބަޔާނެއް ނެރެފިއެވެ. "އަޚުވަންތަ" ގައުމުތަކުގެ ނަމުގައި ގަލްފުގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު މި ބަޔާނަކީ، ބޭރުގެ ބައެއް ބާރުތަކުގެ ރުހުން ހޯދުމަށް ނެރުނު ބަޔާނެއް ކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ދަނީ ސިފަކުރަމުންނެވެ.
އިރާނުން ހަމަލާ ދެނީ އަރަބި ގައުމުތަކަކަށް ނޫނެވެ. އިރާނުން ހަމަލާ ދެނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށެވެ.
ސަރުކާރުގެ ބަޔާނުގައި އީރާނުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކަށް ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ސަރުކާރުގެ "ދެފުށް ފެންނަ" ސިޔާސަތެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް، އިސްރާއީލާއި އެމެރިކާއިން އީރާނުގެ އާންމުންނަށާއި، އަންހެން ކުދިން ކިޔަވާ ސުކޫލުތަކަށް ދޭ ހަމަލާތަކާ މެދު ސަރުކާރުން ގެންގުޅޭ މަޑުމޮޅި ސިޔާސަތަކީ، ދީނީ ވަހުދަތުގެ ވާހަކަ ދައްކާ ސަރުކާރަކުން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ބައެއް މީހުން ބުނަނީ މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ބޭރުގެ އެހީއަށް ބޭނުންވެފައިވާ މިންވަރުން، އަރަބި ގައުމުތަކުގެ ރުހުން ހޯދުމަށް ޖަހަމުންދާ "ދީނީ ތާކިހާއެއް" ކަމަށެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ މިފަދަ ބަޔާންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ މިނިވަން ޚާރިޖީ ސިޔާސަތަށް ބުރޫއަރައި، ވަކި ފަރާތަކަށް ޖެހިފައިވާކަން ހާމަވެގެންދެއެވެ.










