
މިއަހަރުގެ ޖޫން މަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިނުވުމަށް އިރާނުން ނިންމައިފިއެވެ.
އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ މިކަން އިޢުލާން ކުރެއްވީ، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެންނެވެ. ޖޫން 12 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުން ވަކިވާން ނިންމި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެމެރިކާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމަކީ އިރާނުގެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލަކަށް ވާތީއެވެ.
އިރާނުގެ ގައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑޮންޔާމާލީ ވިދާޅުވީ، އެމެރިކާގެ ކޮރަޕްޓް ސަރުކާރުން އިރާނުގެ ލޮބުވެތި ލީޑަރު ޝަހީދުކޮށްލާފައިވާ ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
މި ހަނގުރާމަ ފެށުނު ދުވަހު ދިން ހަމަލާއެއްގައި އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އަވަހާރަވެފައެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، އިރާނުގެ އާ ސުޕްރީމް ލީޑަރުގެ މަގާމަށް މިހާރު އައްޔަންކޮށްފައިވަނީ އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ހާމަނާއީއެވެ.
މި މުބާރާތުގައި އިރާން ހިމެނިފައިވަނީ ގްރޫޕް 'ޖީ' ގައެވެ. މި ގްރޫޕްގައި އިރާނާއެކު ދެން ހިމެނެނީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅުމަށް ކުރިން ތާވަލުކޮށްފައި އޮތީ އެމެރިކާގައެވެ.
އިރާނުން މިފަދަ ނިންމުމެއް ނިންމި ނަމަވެސް، އެކަން ރަސްމީކޮށް ފީފާއަށް މިހާތަނަށް އަންގާފައިވާކަން އަދި ކަށަވަރެއް ނުވެއެވެ. އިރާނުން މުބާރާތުގައި ބައިވެރިނުވާނަމަ، އެ ގްރޫޕާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ފީފާގެ ފަރާތުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފެށި މި ހަނގުރާމަ އަހަރެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހަނގުރާމައިގެ ނިމުން ބިނާވެފައިވަނީ، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެހެން މެދުއިރުމަތީގެ އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާއި، އިރާނުގެ އަސްކަރީ ބާރުވެރިކަމުގެ މައްޗަށެވެ.










