March 12, 2026
Advertisement
-
- / ސީ.އެން.އެން

ހޮރްމޫޒު ކަނޑުއޮޅީގެ ބަންދާއިއެކު ތެލުގެ އަގު 100 ޑޮލަރަށް އުފުލިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 12, 2026, 01:07 PM
މާލެ ސިޓީ

ދުނިޔޭގެ ތެލުގެ ބާޒާރުގައި ނުތަނަވަސްކަން އިތުރުވެ، ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 100 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. ތެލުގެ އަގަށް މި ބަދަލު އައީ ހޮރްމޫޒު ކަނޑުއޮޅިން "އެންމެ ތެޔޮ ލީޓަރެއްވެސް" ބޭރުވިޔަ ނުދޭނެ ކަމަށް ބުނެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ވަރުގަދަ އިންޒާރެއް ދިނުމާ ގުޅިގެންނެވެ.

Advertisement

އީރާނުން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާނެ ކަމަށް އުންމީދު ނުކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އުފުލިގެން ހިނގައިދާނެ ކަމަށް ތައްޔާރުވުމަށެވެ. އެ ގައުމުން ހާމަކުރި ގޮތުގައި ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމުގެ މައްޗަށެވެ. އަދި މި ސަރަހައްދުގެ ހަމަޖެހުން ނަގާލަނީ އިޒްރޭލާއި އެމެރިކާއިން ކަމަށްވެސް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޮރްމޫޒު ކަނޑުއޮޅި ބަންދުވުމުގެ ބިރު ބޮޑުވެފައިވާއިރު، ބްރެންޓް ކުރޫޑްގެ އަގު ވަނީ ނުވަ އިންސައްތައަށްވުރެ މައްޗަށް ގޮސް ފީފާއެއްގެ އަގު 101.59 ޑޮލަރަށް އަރާފައެވެ. އަދި ޑަބްލިއުޓީއައިގެ އަގު ހުރީ 96 ޑޮލަރުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހޯމަ ދުވަހު ތެލުގެ އަގު 30 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 120 ޑޮލަރަށްވެސް ވަނީ އަރާފައެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ހަމަނުޖެހުންތައް ދިގުލައިގެންދާނަމަ، ތެޔޮ ފީފާއެއްގެ އާންމު އަގު 90 އާއި 100 ޑޮލަރާ ދެމެދުގައި ދެމިހުންނާނެއެވެ.

މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން ހުއްޓުމެއްނެތި ކުރިއަށްދާ މި ހަނގުރާމައިގެ ތެރޭގައި، މިދިޔަ ބުދަ ދުވަހު އެކަނިވެސް އެ ސަރަހައްދުން ދަތުރުކުރި ތިން އުޅަނދަކަށް ވަނީ ހަމަލާދީފައެވެ. އޭގެ ތެރޭގައި އޮމާންގެ އުތުރުން ދަތުރުކުރި ތައިލެންޑުގެ ބޯޓެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އޮމާނުގެ ސަލާލާ ޕޯޓުގައި ހުރި ތެޔޮ ރައްކާކުރާ ފެސިލިޓީއަކަށްވެސް އީރާނުން އިއްޔެ ވަނީ ވަރުގަދަ ހަމަލާއެއް ދީފައެވެ.

ހަނގުރާމައިގެ ސަބަބުން ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރުން މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައެވެ. މިއީ ގަލްފުގެ އަރަބި ގައުމުތަކުން އުފައްދާ ތެޔޮ ބޭރުކުރާ މައިގަނޑު މަގަށްވުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުން ދަތިވެ، ގިނަ ގައުމުތަކުން މިހާރު ދަނީ ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved