
ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭރުން އެ ނަގާލެވެނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލަން ތާއީދުނުކުރާކަން ހާމަކޮށް، ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ، ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސަކު ވެރިކަމަށް އައުމަށް ފަހު ގޯސް ހަދާ ތަން ފެނުނީމާ ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނީ، ރިޔާސީ އިންތިހާބަށް ފަހުން މިހާރު އޮންނަ ގޮތަށް މަޖިލިސް އިންތިހާބު އޮވެގެން ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ފުށޫއަރަނީ އެއަށް ވުރެ މާ ބޮޑު މަސްލަހަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސަކު އަދި މަޖިލިސް މެންބަރަކު ހޮވުމަށް ފަހު އޭނާ ކަންކަން ކުރާ ގޮތް ވެރިކަމުގެ މުއްދަތުގައި ބަލާނެ ކަމަށާއި އެއަށް ފަހު، ކަމުނުދާ ނަމަ ރައްޔިތުން އެ މީހަކު ދެވަނަ ފަހަރަށް އިންތިހާބެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ނަގާލަނީ އެ ފުރުސަތު ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުވާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށް ފެންނަ ނުފެންނަ ވޯޓެއް އެޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ތެރެއިން ނަގާނެއެވެ.










