
ދެ އިންތިހާބު އެއްކޮށްލުމުން ޖަނަވާރެއް ބޮލާ ނިގުލާ ވަކިކުރަން ރައްޔިތުންނަށް އެނގުމުގެ ފުރުސަތު ގެއްލޭނޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ގައުމަށް ޚަރަދު ކުޑަވާނެ ކަމަށް ބުނި ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ. އެހެން ނަމަ ހުރިހާ އިންތިހާބެއް އެއްކޮށް ނުލަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ކާބަފައިންވެސް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ނުގެނެސް ހުރީ ވިސްނުންތެރިކަމާ އެކު ކަމަށާ ގާނޫނު އަސާސީ އެއް ނިންމަން 18 އަހަރު ހޭދަވީ ވެސް ކަމެއް ވީމަ ކަމަށެވެ.
މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލިސް މެމްބަރުންތަކެއް ހޮވުމުގެ ފުރުސަތު ގެއްލޭނެ ކަމަށާ އެގޮތުން އޭނާ ކަންކަން ކުރާ ގޮތް ވެރިކަމުގެ މުއްދަތުގައި ބަލާނެ ކަމަށާއި އެއަށް ފަހު، ކަމުނުދާ ނަމަ ރައްޔިތުން އެ މީހަކު ދެވަނަ ފަހަރަށް އިންތިހާބެއް ނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ނަގާލަނީ އެ ފުރުސަތު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ނަމުގައި އުޅެނީ ބާރުތައް އިތުރަށް މުށުތެރެއަށް ލުމަށް ކަމަށެވެ.










