
އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ ވައިގެ އަސްކަރީ ބޯޓުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ބޮއިންގް ކޭސީ-135 ސްޓްރެޓޯޓެންކަރެއް ހުޅަނގު އިރާގުގެ ސަރަހައްދަށް ވައްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސީބީއެސް ނިއުސްއާ ހަވާލާދީ ލިބޭ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި މަތިންދާބޯޓު ވެއްޓުނު އިރު އޭގައި ހަ ފަޅުވެރިން ތިއްބެވެ. މި ހާދިސާ ހިނގާފައިވަނީ އިރާގުގެ ވައިގެ ސަރަހައްދުގެ ތެރޭގައެވެ.
މީގެ އިތުރުން، އެމެރިކާގެ އިތުރު ކޭސީ-135 މަތިންދާބޯޓަކަށް ވެސް އީރާނުގެ ހަމަލާތައް އަމާޒުވި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށް، ކާމިޔާބުކަމާއެކު އިސްރާއީލަށް ޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އިސްރާއީލަށާއި އެމެރިކާއަށް އިންޒާރު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.










