
ބައިނަލްއަގުވާމީ މަސްރަހުގައި އިންޑިއާއިން އިރާނަށް ޣައްދާރުވަމުން ދިޔަ ނަމަވެސް، އިންސާނީ ކަރާމާތާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީ، އިންޑިއާގެ ދެ ތެޔޮ ޓޭންކަރަކަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އިރާނުން ދީފިއެވެ.
މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިރާނުގެ ރައީސަށް ފޯނުން ގުޅުއްވައި، އެ ގައުމުގެ ޓޭންކަރުތައް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް އެދި އާދޭސް ދަންނަވާފައެވެ. މޯދީ މިފަދައިން އާދޭސްކުރައްވަން ޖެހިވަޑައިގަތީ، އެމެރިކާއާއި އިޒްރޭލުގެ ގާތް ބައިވެރިއެއްގެ ގޮތުގައި ހުރެ، އިރާނާ ދެކޮޅަށް އެކި ރޭވުންތައް ރާވަމުން ދިޔަ ނަމަވެސް، އިގްތިސާދީ ގޮތުންނާއި އިންޑިއާގެ އާންމުންގެ ސަލާމަތަށްޓަކައި އެ ނޫން އެހެން އެއްވެސް އިޚްތިޔާރެއް އޭނާއަށް ނެތުމުންނެވެ.
އިންޑިއާގެ ދައުވަތަކަށް އިންޑިއާގެ ސަރަހައްދަށް ދަތުރުކުރި އިރާނުގެ މަނަވަރެއްގެ ލޮކޭޝަން، އެމެރިކާގެ އަސްކަރިއްޔާއަށް މޯދީ ދީފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. މި މައުލޫމާތުގެ އެހީގައި އެމެރިކާއިން ވަނީ އެ މަނަވަރު ފައްތާލާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރަށް އިންޑިއާއިން ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ފާޅުގައި އިޒްރޭލުގެ އުދުވާނަށް ތާއީދުކޮށް، އެމެރިކާގެ އެޖެންޑާތައް ކުރިއަރުވަން މަސައްކަތްކުރާ ފަރާތަކަށް ވީނަމަވެސް، އިރާނުން ވަނީ އެކަންކަމަށްވުރެ ބޮޑަށް އާންމު ރައްޔިތުންގެ މަސްލަހަތު އިސްކޮށްފައެވެ. މިގޮތުން، އިންޑިއާގެ ޓޭންކަރުތަކަށް ހުއްދަ ދިނުމަކީ އިރާނުގެ ހިތްތިރިކަމާއި، ސަރަހައްދީ ހަމަޖެހުމަށް އެ ގައުމުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެކެވެ.
މި ނިންމުމާއެކު، އިންޑިއާގެ ޣައްދާރު އަމަލުތަކުން ސަލާމަތްވުމަށްޓަކައި އެ ގައުމަށް ޖެހުނީ އިރާނުގެ އެހީތެރިކަމަށް އެދި ދަތްދޮޅީގައި އަތްޖަހާށެވެ. އިރާނުން މި ދެއްކި ނަމޫނާއަކީ އިސްލާމީ އުސޫލުތަކާއި އިންސާނިއްޔަތުކަން އިސްކުރުމުގެ ރީތި މިސާލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.










