March 14, 2026
Advertisement
Dr Jameel
Dr Jameel / ތޭރަ އޮންލައިން

ލޯނު ދައްކަން ލޯނު ނަގަން ޖެހުމަކީ ގައުމު ބަނގުރޫޓުވެފައިވާ ކަމުގެ ހެއްކެއް: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 14, 2026, 12:26 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ގައުމެއްގެ ޙާލަތު ވަޒަންކޮށްލެވޭނީ މިހާރު ރާއްޖެ އޮތް ފެންވަރުން ކަމަށެވެ. އެގޮތުން ލޯނު ދައްކަން ލޯނު ނަގަން ޖެހުމާއި، ރިޒާވް ބަހައްޓަން ލޯނު ނަގަން ޖެހުމުގެ އިތުރުން މުދާ ގެންނަން ވެސް ލޯނަށް ބަރޯސާވާން ޖެހުމަކީ ގައުމު ބަނގުރޫޓުވެފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރައްވައި ޖަމީލް ވިދާޅުވީ، ވެރިކަމާ ޙަވާލުވުމުގެ ކުރިން ރައީސް މުޢިއްޒު ހެއްދެވި "ބޮޑުދޮގުތައް" މިހާރު ފަޅާއަރަމުންދާ ކަމަށެވެ. އަދި މިހާރު އެއްވެސް ބޭރުގެ އިދާރާއަކުން ނުވަތަ ގައުމަކުން ރާއްޖޭގެ އިގްތިސާދަށް "ފެހި ސިގްނަލެއް" ލިބެން ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ވަޒީފާ ދީފައިވާ ބައެއް ފަރާތްތަކުން ގައުމުގެ ޙަގީގީ ޙާލަތު ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޖަމީލް ތުހުމަތު ކުރެއްވިއެވެ. ރާއްޖެއަކީ ސިންގަޕޫރު ފަދަ ގައުމެއްގެ ގޮތުގައި ސިފަކޮށް، ލީ ކުއާން ޔޫ ފަދަ ލީޑަރުންގެ ނަން ބޭނުންކޮށްގެން ސަރުކާރަށް ޚުޝާމަދު ކުރަމުންދާ ދިއުމަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"މިފެންނަނީ ނާގާބީލު ވެރިން ލިބުނީމަ ގައުމުތައް އުޅޭ ޙާލު،" ޑރ. ޖަމީލް ވިދާޅުވިއެވެ. ޖަމީލް އިތުރަށް ވިދާޅުވީ ގައުމުގެ ޙަގީގަތް ހާމަކުރަން ޖެހޭ ކަމަށާއި، މިހާރު ފެންނަމުންދަނީ ގައުމު އިނދަޖެހިފައިވާ މަންޒަރު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved