
ރައީސުލްޖުމްހޫރިއްޔާއެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭނަމަ އެތުހުމަތުތަކެއް ބަލަން ވާނެ ކަމަށާ ނަމަވެސް މިހާރު ފެންނަމުން ދަނީ، މިނިވަން ތަހުގީގެއް ހިންގުމުގެ ބަދަލުގައި ތުހުމަތުތައް ފޮރުވުމަށް މަސައްކަތްކުރާ ތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވެފައިވަނީ، އެމަނިކުފާނާ ރައީސް މުއިއްޒާ ސިޔާސީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ޑރ.މުއިއްޒުގެ ސިފައަށް ނުވަތަ އަބުރަށް ޒާތީ ހަމަލާތަކެއް ދިނުމަކީ އެމަނިކުފާނު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަރުގަދައަށް ގަބޫލުކުރަނީ ޑިމޮކްރެޓިކް އުސޫލުތައްކަން ހާމަކުރައްވާ ޑރ ޖަމީލު ވަނީ، ޚާއްސަކޮށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ތަންތަނުގައި އެއްވެސް ގޯހެއްގެ ތުހުމަތު ކުރެވޭނަމަ އެކަށީގެންވާ ސަމާލުކަމެއް ދޭންވާނެކަން ފާހަގަކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ވާޖިނިއާ ޖިއުފްރޭ އާއި ޕްރިންސް އެންޑްރޫ ފަދަ މައްސަލަތަކާއި، ފުޅާ #MeToo ހަރަކާތާއި، ޖެފްރީ އެޕްސްޓައިންގެ ޖަރީމާތަކުން ފެންނަ ފަދައިން، ޒުވާނުންނާއި ނާޒުކު މީހުންނަށް ބާރުގަދަ މީހުންގެ އަތްދަށުން ގެއްލުން ލިބިދާނެކަން ހަނދާން ނައްތާނުލުމަށް ނަސޭހަތްތެރިވެ ޑރ ޖަމީލުވަނީ، ބިލް ކްލިންޓަންއާ ގުޅޭ ތުހުމަތުތަކެކޭ އެއްފަދައިން ރައީސް މުއިއްޒުގެ މައްޗަށް މި ތުހުމަތުތައް އަންނަނީ ބީރައްޓެހި މީހެއްގެ ފަރާތުން ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ މަސައްކަތު މާހައުލުގެ ތެރޭގައި ހުރި މީހެއްގެ ފަރާތުން ކަންވެސް ފާހަގަކުރައްވާފއެވެ.
އަޅުގަނޑުމެންގެ ޤާނޫނުތަކަކީ، ގިނަ ޤައުމުތަކުގެ ޤާނޫނުތަކެކޭ އެއްފަދައިން، ޒުވާނުންނާއި، ނާޒުކު މީހުން ރައްކާތެރިކުރުމަށް ލިޔެފައިވާ ޤާނޫނުތަކެއްކަން ހަނދާނަށް ގެންނަވާ ޑރ ޖަމީލު ވަނީ، މި ޙާލަތުގައި، ބާރުގަދަ ފަރުދަކާ، ޚާއްޞަކޮށް ރެނދަލިކުރަމުންދާ ރައީސަކާ ދެކޮޅަށް ކުރިއަށް އައުމަކީ ފަސޭހަ ނިންމުމަކަށް ނުވެދާނެތީ، މިހާރު އަޑުތައް ގަދަވެގެން އުޅޭ ޒުވާން އަންހެންމީހާ ޝައިޠާނީ ގޮތަކަށް ހެދުމަށް އަވަސްވެގަންނަން ނުޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.
ހަމައެހެންމެ، ވާޖިނިއާ ޖިއުފްރޭ ފަދައިން ފުރަތަމަ ރިއެކްޝަން ގިނަ ފަހަރަށް ތުހުމަތު ކުރެވޭ އަނިޔާވެރިޔާއަށް ފަހިވާއިރު، ތުހުމަތު ކުރާ މީހާއަށް މަލާމާތް ނުވަތަ އުނދަގޫ ކުރެވިދާނެކަމަށާ މުސްލިމް ގިނަ ގައުމުތަކުގައި ގިނަ ފަހަރަށް ދިފާއުގައި ދައުވާ ކުރާ މީހާއާ ދެކޮޅަށް އަބުރުގެ ދައުވާތަކުގެ ދަށުން ނިވާވެގަންނަން ވެސް ޑރ ޖަމީލުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އަންހެނުންގެ ޖަމިއްޔާތަކުން މި ޒުވާން އަންހެންމީހާއާ މެދު ދައްކާ ހިމޭންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ޑރ ޖަމީލު ވަނީ، މިއީ އޭނާއަށް ކިހާ އުނދަގޫ ކަމެއް ކަމުގައި ވާންޖެހޭނެ ކަމާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަފްސާނީ ގެއްލުންތަކެއް އެމަނިކުފާނަށް ތަޞައްވުރު ކުރެވޭކަމަށް ވިދާޅުވެފައެވެ.
މިހާރު އަމާޒުކުރަމުްނދާ ބޮޑެތި ތުހުމަތުތަކުން ރައީސުލްޖުމްހޫރިއްޔާ ބަރީއަވެވޭނެ ކަމަށް އުންމީދު ކުރައްވާކަން ޙާމަކުރައްވާ ޑ ރޖަމީލު ވިދާޅުވެފައިވަނީ، އެހެނަސް އެކަން ކުރައްވަމުން ނޫސްވެރިންނަށް ހަމަލާދެއްވައިގެން ނުވަތަ އަދަދުގެ އެޑިޓަރާއި ވެރިފަރާތާ ދެކޮޅަށް ޒާތީ ސްކޯތައް ހަމަޖެއްސުމެއްގެ ގޮތުގައި ދެކިގެން ނުވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވާޖިބުވެގެންވަނީ އެންމެން ހިމާޔަތް ކުރުން ކަމަށާ ނަމަވެސް މިހާތަނަށް އެމަނިކުފާނުގެ އިޝާރާތްތަކުން ދައްކާ ގޮތުގައި ރައީސް މުއިއްޒުގެ މަގާމު ބޭނުން ކުރައްވަނީ ފުރިހަމަ އަދި މިނިވަން ތަހުގީގެއް ހިންގުމަށް ހުއްދަ ދިނުމުގެ ބަދަލުގައި ތުހުމަތުތައް ފިއްތާލުމަށް ނުވަތަ ފޮރުވުމަށް ކަމަށް ޑރ ޖަމީލު ތުހުމަތުވެސް ކުރައްވާފައިވެއެވެ.
އެ ދިގު ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވަނީ، ބޮޑެތި ތުހުމަތުތަކުގެ މައްޗަށް ރައީސް އޮފީހުގެ މުޤައްދަސްކަން އުފުލިގެން ދިއުމަށް ޤައުމުގެ ފަރާތުން ދުޢާކުރައްވަމުންނެވެ. ނުބައި އަމަލެއް ހިންގާފައިވާ ނަމަ ދެން ކޮންމެ ފަރުދެއް ފަދައިން ރައީސުލްޖުމްހޫރިއްޔާ ވެސް ޖަވާބުދާރީވާން ޖެހޭނެކަން ވެސް ހަނދާން އައުކޮށްދެއްވަމުންނެވެ.
ޑރ ޖަމީލު މިފަދަ ވާހަކަފުޅެއް މީސްމީޑިޔާއަށް ދޫކުރައްވާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބޮޑު ތުހުމަތުތަކެއް ބަޔަކުކޮށް އެ ތުހުމަތާ ގުޅޭ ގޮތުން ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް ނެރުމުން އެ ަމއްސަލަ ބަލަން އަންގަވާފަިއވާ ދަނޑިވަޅެއްގައެވެ.










