2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރެއަށް ޖެހިލަމާ ބަހީއެވެ.
ގަރުނުތަކަކަށް ފަހުން ނޫސްވެރިންގެ ގުންޒަރެއް ރާއްޖޭގައި ބޭއްވިގެން ދިޔައެވެ. އުއްމީދުގެ ހުޅުކޮޅެއްް ދާއިރާގައި ދިއްލިގެން ދިޔައެވެ. ބޮޑެތި ބިޔަ ވައުދުތައް ރައީސް މީހާ ވެވަޑައިގެންނެވީ ތިޔަހެން ބުނެފައެއް ނޫނެވެ. ބަޑި ތަކުރު ވިހެއި ރޭ އަލަފަތް ވެސް އެހާ ތިޔާގި ނުވާނެ ތޯއްޗެކެވެ.
ކޮންމެ އަކަސް މީޑިޔާއަކީ ހަތަރު ވަނަ ބާރު ކަމަށާ މީޑިޔާއަށް ހުރި ގޮތް ޖެހުންތަކާ ފިއްތުން ނައްތާލާނެ ސަރުކާރަކީ މިއީ ކަމަށް ރައީސް މީހާ އާ ނައިބުގެ އިތުރުން މުޝީރުވެސް ތިއްބައިވައިގެން ބައިސާތައް ކެނޑުއްވިއެވެ. އޭރު ވެސް އެތާ އިނދެ ހިތަށް އެރިއެވެ. ފާޑުކިޔުން އަމާޒުވާން ފެށީމާ ހަޖަމް ކުރެވޭނެ ބާއެވެ.
ކަންވީވެސް ހިތަށް އެރި ގޮތަށެވެ. ވެރިކަމަށް އައުމަށް ބޭނުންކުރި ނަމާ، ގޮނޑިއާ، ގޮނޑީގެ ވެރިމީހާގެ ޓީވީ ސްޓޭޝަން މިއަދު ކަމު ނުގޮސްގެން އުޅެން ފަށައިފިއެވެ. ސަބަބަކީ ސަރުކާރުގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ހާމަކުރާތީއެވެ.
އެގޮތުން ސަރުކާރުގެ ތެރޭގައި ބައެއް މުއައްސަސާތަކުގެ ވެރިން އުސޫލުތަކާ ހިލާފަށް ކަންކަން ހިންގަމުންދާ ވާހަކައާ ރައީސް މުއިއްޒުވެސް ދައްކަވާ ވާހަކަފުޅު ދިމާ ނުވާ ވާހަކައާ މުޝީރުގެ ކަންކަން ހުންނަ ގޮތުގެ ވާހަކައާ މިފަދަ އެހެން ވާހަކަތައް ކިޔަން ފެށީމާ މަސް ނުބޭނިގެން ކަނޑު ސަރުކާރުގެ ވެރިންނަށް ގޮސްވެއްޖެއެވެ.
ގައުމުގައި އޮތިއްޔާ އޮތްހާ ނޫހެއް ގަނެ ވިއްކުމުގެ ބާޒާރުގައި ނީލަމަށް ލައިގެން އެ ނޫހަށް މި ވަރު މި ޓީވީ ސްޓޭޝަނަށް މިވަރު ކިޔާ އެސްއޯއީތަކުން ޚަރަދު ކުރުވާއިރު ވަކި ޓީވީ ސްޓޭޝަންއެއް އޮތީ ބްލެކް ލިސްޓުގައެވެ. އެކަމަކު މިނިސްޓާރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމު ޚަލީލު ވިދާޅުވެފައިވަނީ މި ސަރުކާރުގައި މީޑިޔާގެ ބްލެކު ލިސްޓެއް ނޯންނާނެ ކަމަށެވެ.
މި ސަރުކާރުގައި މީޑީޔާގެ ބްލެކް ލިސްޓެއް ނެތްކަމެއް ނޭނގެއެވެ. ޚަބަރެއް ލިޔެލާއިރަށް އަންނަނީ ފުރައްސާރައިގެ މެސެޖުތަކާ އިންޒާރެވެ.
ދާދި ފަހުން ހިނގި ހާދިސާއަކަށް ބަލާއިރު މިފްކޯގެ ސީއީއޯއަށް ޕީސީބީއިން ފޮނުވި ސިޓީއެއްގެ ވާހަކަ ޚަބަރުގައި ގެނެސްދިނުމުން އެ ސީއީއޯގެ އަންހެނުން، ރައީސް މުއިއްޒު ސަރުކާރުގައި ހުންނެވި އެންމެ ނާގާބިލު އެއް ޑެޕިއުޓީ މިނިސްޓަރު ވަނީ ޚަބަރު ލިޔުނު ނޫސްވެރިޔާއަށް ޕްރައިވެޓުކޮށް މެސެޖުކޮށް އިންޒާރު ދީ އޭނާގެ ދަރިންނާ ވެސް އެކަމާ ޖާމިނުކޮށްފައެވެ.
ޚަބަރު ޚަބަރަށް ވަނީ ސޯސް ހުރެގެންނެވެ. ސޯސު އޮތީ ފެންނަންށެވެ. ޕީސީބީގެ ރައީސް ހަމްދީ އަގީލު ސޮއިކޮށް ނެރެފައި އޮތް ސިޓީއަކީ އަސްލެކެވެ. ދެން މިކަމާ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާ ފިރިކަލުން ސީއީއޯ ބުނާ ގޮތުން ނަމަ، ޕީސީބީގައި ތިބީ "އެމްޑީޕީ" މީހުންނެވެ. އަދި ޕީސީބީއަށް މީހުން އައްޔަންކުރަނީ މަޖިލީހުންނެވެ.
މިއީ މި ސަރުކާރުގެ ވެރިންނަށް ކަންކަން އެނގޭ މިންވަރެވެ. ޕީސިބީއަށް ނަންތައް ފޮނުވަނީ ރައީސުލްޖުމްހުރިއްޔާއެވެ. ޔަގީނުންވެސް ސިޓީގައި ސޮއިކޮށްފައިވަނީ ރައީސް މުއިއްޒު ފޮނުއްވާ، މަޖިލީހުން ނަން ފާސްކޮށްފައިވާ ބޭފުޅެކެވެ.
ތަންދޮރު ނުދަންނަ ޖާހިލުންނަށް ދާންދެން ކިޔާ ހުތުރު ބަހުން ސަރުކާރުގެ ޑެޕިއުޓީ ފެންވަރުގެ މީހުން ނޫސްވެރިންނާ މުއާމަލާތްކޮށް ނޫސްވެރިކަމުގެ ޒިންމާއަށް ހުރަސް އެޅުމަކީ ހުންނެވި މަގާމާ އެކު ލިބޭ ލައިސަންސެއް ނޫނެވެ.
ކެޔޮ ކަމުންދާ ވަރު ވިސްލް ބްލޮވަރުން ހާމަކުރުމުން އެ ވާހަކަ ނޫސްތަކުން ކަވަރކުރުމުން ގޮތް ހުސްވެ މައިންފައިންނާ ބެހި ދަރިންނާ ޖާމިނުކުރުމުން ރައީސް މުއިއްޒު ފަދަ އިލްމީ ބޭފުޅެއްގެ ސަރުކާރުގެ އިސް ފަޑީގެ ފެންވަރާ މެދު ހަގީގަތުގައި ވެސް ސުވާލު އުފެދެއެވެ.
އާއެކެވެ. އަހަރުމެން ޗެނަލް13 އަކީ މި ސަރުކާރު ގެންނަން އެންމެ ބުރަ މަސައްކަތްކުރި ނޫސްެވެރިން ތިބި ޗެނަލްެއެވެ. އޭރު އަހަރުމެން ވަރެއް ނެތެވެ. ނަމަވެސް ސަރުކާރުގެ ބިތު ފަންގި ނަގާ ޒިންމާދާރު ކުރުވަން ފެށީމާ ދޮގު ޖާޑިއަކަށް ބަދަލުވެ އެއް ގޮތަކަށްވެސް ކަމު ނުދިޔުމަކީ ހައިރާން ވާވަރު ކަމެއް ނޫނެވެ. އެއީ ހިޔަޅުންނަށް މޭބިސްކަދުރު ހިތިވާ ވާހަކައަކީ އައު ވާހަކައަކަށް ނުވުމުންނެވެ.
ސަރުކާރުގެ ތެރެއިން ނޫސްވެރިންނަށް ފުރައްސާރަކޮށް ޖެއްސުންކުރަމުން ދާއިރު ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަން ވައުދުވި ރައީސް މީހާ އާ ސަރުކާރު ނިދާފައެވެ. އާނޯލްޑު ހެދިގެން ޑެޕިއުޓީ މިނިސްޓަރަކު ދަމު ނަމާދުގެ ބަދަލުގައި ވަޓްސްއަޕް މެސެޖުތަކުން ތަސްބީހަ ކިޔާލަނީ ނޫސްވެރިންނަށް ހިތުހުރި ގޮވެލި ފައްޗެއް ގޮވަމުންނެވެ.
ވާހަކައެއް ދަންނަވަން ތޯއެވެ. ތެޅުނު ތެޅުނު ހެން ދާނީ ހުޅުނބުކޮޅެކެވެ. ތެދެކެވެ. ނަމަވެސް ނޫސްވެރިންގެ އެއް ނޫނެވެ. ނޫސްވެރިންގެ ހައްގުގައި ބޮޑެތި ބޯޑުތައް ހިފައިގެން ނިމި ދިޔަ ފަސް އަހަރު ނުކުތް މީހުން މިއަދު ރައީސް އޮފީސް ތެރޭގައާ މުއައްސަސާތަކުގައި ތިބި އިރު މިއަދު ހަމަ މިކަންކަން އޯކޭ ވީތޯއެވެ؟
ނޫސްތަކުން ކަވަރ ކުރަން ޖެހޭ ކޮންޓެންޓާ ނޫސްތަކުން ގެންނަ ހަބަރުތައް ހުންނަން ޖެހޭ ގޮތް ބެލުން އެއީ ޑެޕިއުޓީ މިނިސްޓަރުންގެ މެންޑޭޓުގައި އޮންނަ ކަމެއް ނޫނެވެ. ހަވާލުކުރެވިފައިވާ ޒިންމާ ފުރިހަމަކޮށްފައި ދެން އެހެން މީހުންނަށް ފާޑުކިޔާށެވެ.