
އީރާނުން ސައޫދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ދިން ހަމަލާއެއްގައި، އެމެރިކާގެ އެއާފޯސް އިން ވައިގެ ތެރޭގައި ބޯޓުތަކަށް ތެޔޮ އަޅަން ބޭނުންކުރާ ފަސް "ރިފިލިން ޕްލޭން" ހަލާކުވެފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.
އެ ނޫހުން ބުނެފައިވަނީ މި ގެއްލުންތައް ދީފައިވަނީ މި ފަހުން ދިން ހަމަލާތަކުގައި ކަމަށާއި އެކަމަކު އެ ހަމަލާތަކުގައި ބޯޓުތައް އެއްކޮށް ހަލާކުނުވާ ކަމަށެވެ. ބޯޓުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަމަލާތަކުގައި މީހަކު މަރު ވެސް ނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެ އެވެ.
ވޯލްސްޓްރީޓް ޖާނަލް އިން ބުނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޒިންމާ އުފުލާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޖަވާބެއް ނުދިން ކަމަށެވެ.
މިކަން ރިޕޯޓްކޮށްފައި މި ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ކޭސީ-135 މަރުކާގެ ރިފިލިން މަތިންދާބޯޓެއް އިރާގުގެ ހުޅަނގު ސަރަހައްދަށް ވެއްޓި އޭގެ ހަ ފަޅުވެރިން މަރުވެފައި ވަނިކޮށެވެ.
އޮޕަރޭޝަން އެޕިކް ފިއުރީ އަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ދީފައިވާ ނަމެވެ.
މި މަހުގެ ފުރަތަމަ ދުވަހު ކުވައިތުގައި ވަނީ އެމެރިކާގެ އެފް-15 ގެ ތިން ފައިޓަ ޖެޓް ވެސް ވެއްޓިފަ އެވެ. އެ ބޯޓުތައް ވެސް ވެއްޓުނީ ކުވައިތުގެ ވައިގެ ދިފާއީ ނިޒާމަށް އޮޅިގެން ދެވުނު ހަމަލާތަކެއް ކަމަށް ވަނީ ބުނެފަ އެވެ. އެ ހާދިސާގައި ތިން ބޯޓުގެ ހަ ޕައިލެޓުން ވެސް ވަނީ ސަލާމަތްވެފަ އެވެ.
އީރާނުން ގެންދަނީ އެ ގައުމަށް ދޭ ހަމަލާތަކުގެ ރައްދުގައި، ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ހަމަލާ ދެމުންނެވެ.










