
5 އިލެކްޝަން ބާއްވާނެހާ ޚަރަދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަތުރުތަކަށް އެކަނި ހޭދަވާ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި މަޖިލިސް އިންތިހާބާ ރިޔާސީ އިންިތހާބު އެއްކޮށްލާ އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން ނިންމާ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅެއްގައެވެ.
އެގޮތުން އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުންދާ ފްރޮންޓު އޮފީސް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް އިންތިހާބުތައް އެއްކޮށްލުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލާނަމަ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ޚަރަދު ދައުލަތަށް ދައްކާ އެ ދަތުރުތައް ކުރުން މަޑުޖައްސާލުމުންވެސް ބޮޑުތަނުން ޚަރަދު ކުޑަވާނެ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު ޚަރަދު ކުޑަ ކުރަންށޭ ވިދާޅުވެ އިންތިހާބުތައް އެއްކޮށްލާއިރު މިދެ އަހަރުގެ ތެރޭގައި އެކަނިވެސް ރައީސް މުއިއްޒުގެ ދަތުރުފުޅުތަކަށް 260 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާ އެއީ ފަސް ވަރަކަށް އިންތިހާބު ބާއްވަން ހިނގާނެ ޚަރަދު ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޚަރަދުކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލަނީ އެހެން މަކަރުވެރި ރޭވުމެއްގައި ކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ސަރުކާރަށް އާމްދަނީ އިތުރުކުރެވޭނެ ކަމަށެވެ.










