
އީރާނުން އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ މިސައިލް ކަމަށްވާ "ސިއްޖީލް" ސޮލިޑް ފިއުލް މިސައިލްތައް މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ހަމަލާތަކަކީ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް އީރާނުން ދެމުންދާ ވަރުގަދަ ރައްދު ހަމަލާތަކެއްގެ ބައެކެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ މިސައިލް އޮޕަރޭޓަރުން ވަނީ އިސްރާއީލުގެ އަމާޒުތަކަށް މިސައިލްތައް ފޮނުވާލުމަށްފަހު، އެކަމުގެ އުފާފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި، މި ބާރުގަދަ މިސައިލްތައް ފޮނުވާލުމަށްފަހު އޮޕަރޭޓަރުން ދަނީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް، އިސްރާއީލާ ދެކޮޅަށް ހޯދި ކުރިއެރުމެއްގެ ގޮތުގައި އުފާފާޅުކުރަމުންނެވެ.
ސިއްޖީލް މިސައިލަކީ އީރާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ، ފަހުގެ ޖީލުގެ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. މީގެ ތެރޭގައި ސިއްޖީލް-1 އަދި ސިއްޖީލް-2 ހިމެނޭއިރު، މިއީ ސޮލިޑް ފިއުލް ބޭނުންކޮށްގެން ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތަކެކެވެ.
މި ހަނގުރާމައިގައި އީރާނުން ސިއްޖީލް މިސައިލް ބޭނުންކުރަން ފެށުމަކީ މުޅި މަޝްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލުން ދެމުންދާ ހަމަލާތަކަށް މުގާބަލާކޮށް، އީރާނުގެ ދިފާއީ ބާރު ވަރުގަދަކުރުން ކަމަށް އެ ގައުމުން ހާމަކުރެއެވެ.










