
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓަށް ފަހު، ރައްޔިތުން ބިކަކޮށްލުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް އިޝާރާތް ކުރައްވައި، މެންބަރު އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ސަރުކާރުން ރައްޔިތުންނަށް ސިއްރު ކުރަމުންދާ ކަމަށެވެ. އަދި ގައުމުގެ ހަގީގީ ހާލަތާ މެދު ސުވާލު އުފައްދައި، ރައްޔިތުން މިކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން ތިބީ އިންތިޚާބުގައި ލިބިދާނެ ވޯޓަށް އުނިކަމެއް އަތުވެދާނެތީއެވެ. ނަމަވެސް، ވޯޓުލުން ނިމުމާއެކު ސަރުކާރުގެ ރާގު ބަދަލުވާނެ ކަމަށާއި، ހަނގުރާމައިގެ އުޒުރު ދައްކައި ރަށްރަށުގެ މަޝްރޫއުތައް ހުއްޓާލައި ރައްޔިތުން ބިކަކޮށްލާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ސަރުކާރުގެ މިފަދަ ނުބައި ރޭވުންތަކަށް ރައްޔިތުން ސިކުނޑި ހުޅުވަންޖެހޭ. ސިޔާސީ މަންފާއަށްޓަކައި ހަގީގަތް ފޮރުވައި، އިންތިޚާބަށްފަހު ރައްޔިތުން ބިކަވެގެންދާނެ". އައްބާސް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށް ބުނިނަމަވެސް އެއީ ސީދާ ކޮން ފިޔަވަޅުތަކެއް ކަމެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި، މި އަހަރުގެ ބަޖެޓުން ސަލާމްތަކުރަން އަމާޒު ކުރާ ވަރެއް ވެސް ހާމައެއް ނުކުރެ އެވެ.










