
އީރާނުގެ މަތީ ފަންތީގެ އަސްކަރީ މަސްދަރުތަކުން ދުބާއީ އާއި ދޯހާގެ ޗާޓަކާއެކު ވަރަށް ސީދާ އަދި ވަރުގަދަ އިންޒާރެއް ދީފިއެވެ.
ކުރިއަށް އޮތް ގަޑިތަކުގައި އެ ސަރަހައްދުތަކަށް އަމާޒުވެދާނެ ހަމަލާތަކަކުން ސަލާމަތްވުމަށްޓަކައި، އެ ގައުމުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އީރާނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގެ ގައުމުތަކުގެ ވެރިން ވަނީ އިސްލާމީ އުންމަތުގެ ދުޝްމަނުންނަށާއި ޓެރަރިސްޓުންނަށް ހިޔާވަހިކަންދީ، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ފަސްގަނޑު ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. މިއީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުމަށް ދީފައިވާ ފުރުސަތެއް ކަމަށް ފާހަގަކޮށް، އީރާނުން ވަނީ މީގެ ބަދަލު ހިފާނެ ކަމަށް މާތްﷲ ގަންދީ ހުވާކޮށްފައެވެ.
"އަޅުގަނޑުމެން މީގެ ބަދަލު ނުހިފާ ދޫނުކުރާނެ ކަމަށް ހުވާކުރަމެވެ. އީރާނަށް އެމެރިކާ ސިފައިން ތިބީ ކޮންތާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އަވަހަށް ހޯދާށެވެ،" އީރާނުގެ އިންޒާރުގައި ބަޔާންކޮށްފައިވެއެވެ.
މި ވަގުތަކީ އިސްލާމީ ބިންތަކުގައި ތިބި ބޭރުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް އީރާނުން ވަރުގަދަ ބަދަލު ހިފުމުގެ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ވަގުތެކެވެ. މިއީ ސަރަހައްދީ ސަލާމަތާއި، އަމިއްލަ ދިފާއުގައި އީރާނުން އަޅަމުންދާ ކަނޑައެޅިގެންވާ ފިޔަވަޅުތަކެއްގެ ގޮތުގައި އެގައުމުން ސިފަކުރެއެވެ.










