
އިސްލާމީ އުންމަތަށާއި އީރާނަށް ދެމުންދާ ނުބައި ޢުދުވާނުތަކުގެ ތެރެއިން، ސަހްޔޫނީން ދިން ރަޙުމުކުޑަ ޙަމަލާއެއްގައި އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ އިސްވެރިޔާ ޢަލީ ލަރިޖާނީ ޝަހީދުވެއްޖެއެވެ. އީރާނުގެ އަސްކަރިއްޔާއިން މިއަދު ވަނީ ލަރިޖާނީ ޝަހީދުވިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި ސަހްޔޫނީން ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި، އީރާނުގެ ރޫޙީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއާއި އެމަނިކުފާނުގެ ޢާއިލާގެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. ލަރިޖާނީއަކީ ރޫޙާނީ ލީޑަރު ޝަހީދުކޮށްލި ފަހުން، ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވި އީރާނު ސަރުކާރުގެ އެންމެ އިސް ސިޔާސީ ޝަޚްޞިއްޔަތެވެ.
ލަރިޖާނީ އެންމެ ފަހުން ޢާންމުންގެ ތެރެއިން ފެނިފައިވަނީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ތެހްރާނުގައި ބޭއްވި "އަލް-ޤުދުސް" އެއްވުމުގައެވެ. އެ މުޒާހަރާގައި އޭނާ ބައިވެރިވެވަޑައިގެންނެވީ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކީއަންއާ އެކުގައެވެ.
އީރާނުގެ ސިޔާސީ މަޝްރަޙުގައި އެތައް އަހަރެއްވަންދެން މުހިންމު ދައުރެއް އަދާކުރެއްވި ލަރިޖާނީއަކީ، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަން ވިދިވިދިގެން ތިން ދައުރު (2008-2020) ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ހުޅަނގުގެ ބާރުތަކާއެކު ކުރިއަށްދިޔަ ނިއުކްލިޔަރ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް މުދައްބިރަކީވެސް އޭނާއެވެ.
އެމެރިކާއާއި ޔަހޫދީންގެ ޢުދުވާނުގައި ޚާމަނާއީއާއި އައިއާރްޖީސީގެ ކޮމާންޑަރު މުޙައްމަދު ބަކްބޫރް ޝަހީދުކޮށްލުމާ ގުޅިގެން، މަޑުމައިތުރު ސިޔާސަތަކަށް ތާއީދުކުރެއްވި ލަރިޖާނީގެ ރާގު ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ހަރުކަށިވެފައެވެ. އޭނާ ވަނީ ޔަހޫދީ ނިރުބަވެރި ދައުލަތަށާއި އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. ލަރިޖާނީ ވިދާޅުވެފައިވަނީ، ދުޝްމަނުން އީރާނުގެ ރައްޔިތުންގެ ހިތްތަކުގައި ޖެއްސި އަލިފާނުގެ ބަދަލު ހިފާނޭ ކަމަށާއި، އައިއާރްޖީސީގެ ފައުޖުތަކުން އެމެރިކާއަށާއި ޔަހޫދީންނަށް ހަނދާނުން ނުފިލާވަރުގެ ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށެވެ.
1958 ވަނަ އަހަރު އިރާޤުގެ ނަޖާފަށް އުފަންވި ލަރިޖާނީއަކީ އީރާނުގެ ނުފޫޒުގަދަ ޢިލްމީ އަދި ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މިރުޒާ ހާޝިމް އަމޯލީއެވެ. ތަޢުލީމީ ދާއިރާއިން ބަލާއިރު، ލަރިޖާނީ ވަނީ ހިސާބާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވުމަށްފަހު، ފަލްސަފާގެ ދާއިރާއިން މާސްޓަރސް އަދި ޕީއެޗްޑީ ފުރިހަމަކުރައްވާފައެވެ.
ލަރިޖާނީ ޝަހީދުވުމަކީ އީރާނުގެ ދިފާޢީ އަދި ސިޔާސީ ސަފުތަކަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، ބަދަލުހިފުމުގެ ވަރުގަދަ ޙަމަލާތަކެއް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.










