
ދުނިޔޭގެ ހަކަތައިގެ މުހިންމު ރޫޓެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އިރާނުން އާ ޝަރުތުތަކެއް ކުރިމަތިކޮށްފިއެވެ. އިރާނުން ބުނެފައިވަނީ ތެލަށް ފައިސާ ދެއްކުމުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމަށްވާ 'ޔުއާން' ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި އެމެރިކާ ޑޮލަރަށް އޮތް ބާރު ކުޑަކޮށް، އިގްތިސާދީ ގޮތުން ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އިރާނުން އެޅި ފިޔަވަޅެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިރާނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ މެދުއިރުމަތީގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާއި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައިގައި ޗައިނާގެ ދައުރު ފާހަގަކޮށްލެވެއެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ މާހައުލުގައި ޗައިނާއިން ދަނީ އިރާނަށް ވަރަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިގްތިސާދީ އެހީތެރިކަމާއި، ޓެކްނޮލޮޖީގެ އެހީގެ އިތުރުން ސިޔާސީ މައިދާނުގައި ފޯރުކޮށްދޭ އެއްބާރުލުން ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި ލައިވް ލޮކޭޝަންތައްވެސް ޗައިނާއިން އަންނަނީ އިރާނަށް ފޯރުކޮށްދެމުންނެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އުފުލާ މައިގަނޑު މަގަށްވާއިރު، އިރާނުގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި ބައިނަލްއަގުވާމީ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ޗައިނާގެ ފައިސާއިން ތެލުގެ މުއާމަލާތްތައް ފެށުމަކީ ދުނިޔޭގެ މާލީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ.
މި ހަނގުރާމައިގެ ތެރޭގައި އިރާނާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވަމުންދާއިރު، މިއީ ހުޅަނގުގެ ބާރުތަކަށް، ހާއްސަކޮށް އެމެރިކާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.










