
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ގޭސް ފީލްޑްތަކަށް މިއަދު ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. މިގޮތުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރައިން އަދި ގަތަރުގައި ހުރި ގޭސް ފީލްޑްތަކަށާއި ހަކަތައާ ބެހޭ މުހިންމު އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް އީރާނުން މިރޭ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. މިއީ އެމެރިކާގެ މަސްލަހަތު އޮންނަ އަރަބި ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އީރާނުން މީގެ ކުރިން ދީފައިވާ އިންޒާރުތަކާ އެއްގޮތަށް ދީފައިވާ ހަމަލާތަކެކެވެ.
މި ހަމަލާތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ގޮއްވާލާފައިވާއިރު، އެ ސިޓީގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒަކަށްވެސް އީރާނުން ހަމަލާ އަމާޒުކުރިއެވެ. ނަމަވެސް، ސައޫދީ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރިޔާދަށް އަމާޒުކުރި ހަތަރު ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް، ގޮއްވާލި މިސައިލެއްގެ ބައިތައް ރިޔާދުގެ ދެކުނުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގެ ކައިރިއަށް ވެއްޓިފައިވާކަމަށް އެ ގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ޔޫއޭއީގެ ފުޖެއިރާ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ސަރަހައްދަކަށްވެސް އީރާނުން މިރޭ ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާއެކު މުޅި ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެ، ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށްވެސް އޭގެ ނުފޫޒު ފޯރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.










