March 19, 2026
Advertisement
-
- / ސީ.އެން.އެން

އެމެރިކާގެ 'ބަންކާ ބަސްޓާ' ބޮމަކުން އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ޝަހީދުކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 04:24 PM
މާލެ ސިޓީ

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނުގެ މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލާތަކެއްގައި، އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަޠީބު ޝަހީދުކޮށްލައިފިއެވެ.

Advertisement

ޚަބަރު ލިބިފައިވާ ގޮތުގައި މިނިސްޓަރު ޚަޠީބު ޝަހީދުކޮށްލުމަށް ބޭނުންކޮށްފައިވަނީ އެމެރިކާގައި އުފައްދާފައިވާ، ބިމުގެ އަޑީގައި ހުންނަ ވަރުގަދަ އަމާޒުތަކަށް ހަމަލާދޭން ބޭނުންކުރާ "ބަންކާ ބަސްޓާ" ބޮމެކެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ލީޑަޝިޕް ނައްތާލުމަށް ފަށާފައިވާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ދެވުނު ނުރައްކާތެރި ހަމަލާއެކެވެ.

މި ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އިތުރުން، ސެކިއުރިޓީ ސުޕްރީމް ކައުންސިލްގެ ސެކެޓްރީ ޑރ. ޢަލީ ލަރިޖާނީ ވެސް ވަނީ ޝަހީދުވެފައެވެ. އަދި އީރާނުގެ އަސްކަރީ ބާރު ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އިސް ކޮމާންޑަރު މުޙައްމަދު ޕަކްޕޫރާއި، ސިފައިންގެ ޗީފް އޮފް ސްޓާފް އަބްދުލްރަހީމް މޫސާވީގެ އިތުރުން ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ ވެސް ވަނީ މި ހަމަލާތަކުގައި އަވަހާރަވެފައެވެ.

މީގެ އިތުރުން، އީރާނުގެ ސަލާމަތީ ބާރުތަކުގެ މުހިންމު އެތައް ބޭފުޅުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ޣުލަމްރިޒާ ސުލައިމާނީ، ފުލުހުންގެ ޖާސޫސީ އިސްވެރިޔާ ޣުލަމްރެޒާ ރެޒައިން، ޖާސޫސީ ކޮމާންޑަރު ޞާލިހު އަސާދީ އަދި ހަތިޔާރު ދިރާސާކުރުމުގެ މާހިރު ހުސެއިން ޖަބަލް އަމަލިއަން ހިމެނެއެވެ.

އީރާނުގެ ސަރުކާރުން ވަނީ މި ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، މީގެ ބަދަލު ހިފާނެ ކަމުގެ ހަރުކަށި އިންޒާރު ދީފައެވެ. އީރާނުން ބުނެފައިވަނީ، މި ޖަރީމާގެ ބަދަލު ފުރިހަމައަށް ހިފައި ނިމުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމެއް ނޯންނާނެ ކަމަށެވެ. މިއާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved