
އީރާނުގެ ވައިގެ ސަރަހައްދުގައި ކޮމްބަޓް މިޝަނެއްގައި އުޅުނު އެމެރިކާގެ އެފް-35 މަތިންދާބޯޓަކަށް އިރާނުން ހަމަލާދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާއާ ގުޅިގެން ބޯޓުގެ ޕައިލެޓް ވަނީ އެ ސަރަހައްދުގެ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބޯޓު ކުއްލި ހާލަތުގައި ޖައްސާފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ، އެމެރިކާގެ މި ބޯޓަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި ޕައިލެޓަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފައިވާ ކަމަށާއި، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމެރިކާއިން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އީރާނުން އަންނަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބެލެހެއްޓުމުގައި ޒަމާނީ ރޭޑާ ސިސްޓަމްތަކާއި ދިފާއީ އާލާތްތަކުގެ އެހީގައި ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން އެމެރިކާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ "ސްޓެލްތު" ފައިޓަރ ޖެޓްތައް ވެސް ދެނެގަތުމުގެ ގާބިލުކަން އީރާނުގެ އަސްކަރިއްޔާއަށް ވަނީ ލިބިފައެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ ކޮންމެ ހަރަކާތެއް ކުރިއާލާ ދެނެގަނެ، އެފަދަ އުޅަނދުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އެ ގައުމުގެ އަސްކަރިއްޔާ އޮތީ އަބަދުވެސް ފުރިހަމައަށް ތައްޔާރަށެވެ.










